އީރާނުގެ ރޫޚާނީ ލީޑަރު އެދިވަޑައިގަތީ ކަންބޮޑުނުވާން: ''ބުރުލެއް އެރިޔަ ނުދޭނަން''

އީރާންގެ ރޫޚާނީ ލީޑަރު: އެ މަނިކުފާނު ވަނީ އެ ގައުމުގެ ރައްޔިތުންގެ ކަންބޮޑުނުވާން އެދިވަޑައިގެންފައި -- ފޮޓޯ/ އޭޕީ

އީރާންގެ ރައްޔިތުން ކަންބޮޑުނުވާން އެދިވަޑައިގެން، އެ ގައުމުގެ ސަރުކާރުގެ ހިންގުމަށް އެއްވެސް ބުރުލެއް އެރިޔަނުދެއްވާނެކަމުގެ ޔަގީންކަން ރޫޚާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިރޭ ދެއްވައިފިއެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، މުވާސަލާތީ ގުޅުން ކެނޑިފައިވާއިރު، އަދިވެސް ފެނިފައެއް ނުވެއެވެ. ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު، އަނދިރިވެ، މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ މަގުން އެ މަސައްކަތް ނުކުރެވެއެވެ.

އީރާންގެ ރައްޔިތުން ކަންބޮޑުވެފައި އޮއްވައި ދެއްވި ބަޔާނެއްގައި އެ ގައުމުގެ ރޫޚާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، ހެލިކޮޕްޓަރާ އެކު ގެއްލިފައިވާ މީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވާ ކަމަށެވެ. އަދި، ރައީސާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި އެހެން ބޭފުޅުން ސަލާމުން ފެނުމަށް އެދެވިޑައިގަންނަވާ ކަމަށެވެ.

"ސަރުކާރު ހިންގުމުގެ ކަންކަމުގައި އެއްވެސް ބުރުލެއް ނާރާނެކަމުގެ ޔަގީންކަން އަރުވަން،" ޚާމަނާއީ ވިދާޅުވިއެވެ.

https://sun.mv/192172

އެ މަނިކުފާނު ވަނީ އީރާންގެ ރައްޔިތުން ކަންބޮޑުނުވާން އެދިވަޑައިގެންފައެވެ. އެގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމަށް ބުރޫނާރާނެކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

ހާދިސާއާ ގުޅޭ މާ ގިނަ މައުލޫމާތެއް މިހާތަނަށް ސާފުވެފައިނުވާއިރު، ޔަގީންނުވާ މައުލޫމާތު އާންމުކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މައުލޫމާތު އާންމުނުކުރާން އީރާންގެ ސަރުކާރުން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީރާންގެ ގާނޫނު ބުނާ ގޮތުން، ރައީސް ރައީސީ އަވަހާރަނުވި ނަމަވެސް ޒިންމާތައް އަދާކުރުމަށް ނުކުޅެދޭ ހާލަތުގައި އެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެއްޓުނު ހެލިކޮޕްޓަރުގައި ރައީސްގެ އިތުރުން ވެސް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރޭގައި:

  • ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން
  • އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ
  • ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް

https://sun.mv/192174

އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު، ހާދިސާ ހިންގަން މެދުވެރިވީ ސަބަބެއް ވެސް އަދި ހާދިސާ ހިނގި ގޮތުގެ ވެސް މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާންގެ ރެޑްކްރެސެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި ބޭފުޅުން ހޯދުމުގެ މަސައްކަތުގައި، ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގައި 40 ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް