ފުރާނަ ނުރައްކަލެއްގައިވާ ރައީސީއަކީ ކޮން ބޭފުޅެއް؟

އިރާންގެ ރައީސް އިބްރާހިމް ރައީސީ--

އިރާންގެ ރައީސް އިބްރާހިމް ރައީސީއަކީ ފެށުނީއްސުރެ ވެސް އެ ގައުމުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ފުރިހަމަ ތާއީދާއި އިތުބާރު ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ދެކެވެމުން އަންނަ ބޭފުޅެކެވެ.

މިއަދު އިރުއޮއްސެމުން އައި ވަގުތު ރައީސީ ދަތުރުފުޅުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު، ވެއްޓުން ނުވަތަ އެ ގައުމުގެ ދައުލަތުގެ މީޑިއާ ބުނާ ގޮތުންނަމަ ނުރައްކާތެރި، "ހާޑް ލޭންޑިން"ގެ ޚަބަރަކީ މުޅި ދުނިޔޭގެ ސަމާލުކަން މި ވަގުތު ހޯދައިފައިވާ ޚަބަރެވެ. މިއީ އިރާންގެ ލީޑަރުގެ ސަމާލުކަމަށް ވެސް އައި ބޮޑު ހާދިސާއެކެވެ.

އުމުރުފުޅުން 63 އަހަރުފުޅުގެ ރައީސީއަކީ މީގެ ކުރިން އިރާންގެ ޖުޑިޝަރީ ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދައިކުރެއްވި ބޭފުޅާއެވެ. ރައީސްކަމުގެ މަގާމަށް 2017ވަނަ އަހަރު ކުރިމަތިލައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވީ ހަސަން ރޫހާނީއާ ވާދަކުރައްވައެވެ.

އެއަށްފަހު 2021ވަނަ އަހަރު އަނެއްކާ ވެސް ރައީސީ ވަނީ އިންތިޚާބުގައި ވާދަކުރައްވައިފައެވެ. އެ އިންތިޚާބުގައި އޭނާވަނީ 28.9 މިލިއަން ވޯޓުގެ 62 ޕަސެންޓު ކާމިޔާބުކުރައްވައިފައެވެ. އެހެންނަމަވެސް މިއީ އިރާންގެ ތާރީޚުގައި ވެސް އެންމެ މަދުން ވޯޓުލާން މީހުން ނިކުތް އިންތިޚާބެވެ.

އިރާންގެ ކަންކަން ހިންގުމުގައި އެންމެ އިސް ދައުރެއް އަދައިކުރައްވަމުން ގެންދަވަނީ އުމުރުފުޅުން މިހާރު 85 އަހަރުފުޅުގެ އާޔުތުﷲ އަލީ ޚަމޭނެއިއެވެ. ނަމަވެސް ރައީސީ ގެންދަވަނީ އެ ގައުމުގެ ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތުގައާއި އާ ހަތިޔާރުގެ ކަންކަމުގައި މުހިންމު ދައުރެއް އަދައިކުރައްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް