ޕެނަލްޓީއަށްފަހު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދައިފި

ޕެނަލްޓީއަށްފަހު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދައިފި --

އިނގިރޭސި އެފް އޭ ކަޕްގެ ހަތަރުވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދީ ތިންވަނަ ބުރުގައި އާސެނަލްއާ ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޔުނައިޓެޑް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ތިން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުން މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އާސެނަލް އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުންކަން ފާހަގަވިއެވެ.

މިމެޗުގައި އާސެނަލް ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު ޔުނައިޓެޑް ފެނިގެންދިޔައީ ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

މިމެޗުގެ ފޯރި ގަދަވީ ދެވަނަ ހާފުގެ ކުޅުމާއެކުއެވެ. މިގޮތުން މެޗުގެ 52ވަނަ މިނެޓުގައި އަލެހަންޑްރޯ ގެނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ލީޑު ޔުނައިޓެޑުން ނެގިއެވެ. މިއާއެކު އާސެނަލުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އިތުރު ވެގެންދިޔައިރު ޔުނައިޓެޑަށް ލިބިފައިވި ލީޑު ދިފާއު ކުރެވޭތޯ ކުރަމުންދިޔަ މަސައްކަތް ވެސް އިތުރު ވިއެވެ.

ދެން ފެނިގެންދިޔައީ ޔުނައިޓެޑްގެ ޑިއޮގޯ ޑާލޮޓް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ތަނެވެ. މިއާއެކު ޔުނައިޓެޑަށް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް އާސެނަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 63ވަނަ މިނެޓުގައި ޑިފެންޑާ ގެބްރިއެލްއެވެ.

މިލަނޑާއެކު އާސެނަލްއިން މެޗުން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިތަން ފެނިގެންދިޔައެވެ. އަދި މާގިނަ އިރުތަކެއް ނުވެ އާސެނަލްއަށް މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެއެވެ. ހެރީ މެގުއާ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒްއަށް ކުރި ފައުލަކާ ގުޅިގެން އާސެނަލްއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ޕެނަލްޓީ ވަނީ ޔުނައިޓެޑްގެ ކީޕާ އަލްޓޭ ބަޔިންދީރު ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި ދެން ފެނުނީ އާސެނަލްއިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުންދިޔައިރު އެހަމަލާތައް ޔުނައިޓެޑްގެ ޑިފެންސުން ދިފާއު ކުރަމުންދިޔަ މަސައްކަތެވެ. އަދި ހާއްސަކޮށް ބަޔިންދީރުގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.

މިމެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައުމުގެ ސަބަބުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ޔުނައިޓެޑުން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު އާސެނަލްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކައި ހަވާޓްޒް ޖެހި ޕެނަލްޓީ ވަނީ ބަޔިންދީރު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. އަދި ހަތަރު ވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި އެޓީމަށް އެންމެ ފަހުން ވަގުތީ ގޮތުން ކޯޗު ކޮށްދިން ރޫޑް ވެން ނިސްޓެރޯއީގެ ކޯޗު ކަމުގެ ދަށުން ކުޅެމުންދާ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު