އިންޑިއާ މަސްބޯޓު ފުރުވާލައި، 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށްފި

އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހިފެހެއްޓި އިންޑިއާގެ ބޯޓު ފުރުވާލައި، ޖޫރިމަނާގެ ގޮތުގައި އެ ބޯޓުން 4.2 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ފިޝަރީސް މިނިސްޓްރީން ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

އިންޑިއާގެ 'ހޮލީ ސްޕިރިޓް' މަސްބޯޓު އެމްއެންޑީއެފުން ހިފެހެއްޓީ މިދިޔަ އޮކްޓޯބަރު މަހުގެ 23ގައެވެ. އެ މައްސަލަ ބެލުމަށް ފަހު، އުޅަނދުގެ އޮޕަރޭޓަރު 4.2 މިލިއަން ރުފިޔާ (2.27 ކްރޯޑު ރުޕީސް) ދެއްކުމަށް ފިޝަރީސް މިނިސްޓްރީން އޮކްޓޯބަރު 28ގައި އެންގިއެވެ.

އެ ޖޫރިމަނާ މައާފުކޮށްދޭން އުޅަނދުގެ ވެރިޔާ އެދުމުން ފިޝަރީސް މިނިސްޓްރީން އެކަމަށް ދެކޮޅު ހަދައި، ފައިސާ ދެއްކުމަށް ނޮވެމްބަރު 13ގައި އިތުރު ނޯޓިސްއެއް ފޮނުވިއެވެ. އަދި އެއް މަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެ ނޯޓިސްގައިވެއެވެ.

އޭގެ ފަހުން އެ މިނިސްޓްރީން ވަނީ، ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއް ފަހަރާ ދައުލަތަށް ލިބިދިނުމުގެ އިތުރުން ހޮލީ ސްޕިރިޓް ދައުލަތަށް ނެގުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައިވަނީ، މިދިޔަ މާޗު މަހުގެ 17ގައި ހޮލީ ސްޕިރިޓް ރާއްޖެއިން ފުރުވާލަފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން އަންގައިފައިވާ ކަމަށެވެ. އެހެންވެ، ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ހުކުމްކުރީ މިނިސްޓްރީން އެދުނު ގޮތަށް ދައުވާ ފޯމް ބާތިލުކުރުމަށެވެ.

ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ މައްސަލަތަކުގެ މީގެ ކުރިން ބޭރުގެ އުޅަނދުތަކުގެ އިތުރުން ދިވެހި އުޅަނދުތައް ވެސް ޖޫރިމަނާކޮށްފައިވެއެވެ.

comment ކޮމެންޓް