ބުރިޖު ބެލެހެއްޓުމުގެ މަޝްރޫއާއެކު، ބުރިޖު މެނޭޖުކުރުމުގެ ނިޒާމަކަށް މަގުފަހިވާނެ: ސީސީސީސީ

ސިނަމާލެ ބުރިޖު: މިނިސްޓަރު ވިދާޅުވީ ބުރިޖުގައި ލޭނެއް މަދު ނޫން ކަމަށާއި އެ ތަން ހަދާފައިވަނީ ކުރެހުމާ އެއްގޮތަށް ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ސިނަމާލެ ބުރިޖު ބަލަހައްޓައި، މަރާމާތުތައް ކުރުމުގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއާއެކު، މުސްތަގުބަލުގައި ބުރިޖު މެނޭޖުކުރުމުގެ ނިޒާމަކަށް މަގުފަހިވާނެ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ބުނެފިއެވެ.

ސިނަމާލެ ބުރިޖަށް އިއްޔެ ހަ އަހަރު ވެފައިވާއިރު، ކުރިއަށް އޮތް ތިން އަހަރު އެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމުގެ މަސައްކަތްް މިދިޔަ މާޗު މަހު ހަވާލުކޮށްފައިވަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)އާއެވެ.

ސީސީސީސީން ބުނި ގޮތުގައި، އެ މަޝްރޫއު ކުރިއަށްގެންދާއިރު ބުރިޖު ބެލެހެއްޓުމާއި، މެއިންޓެއިން ކުރުމުގެ މަސައްކަތް ހިމެނޭ ނިޒާމެއް އުފެދި، އެ މަސައްކަތަށް ރާއްޖެއިން ބަޔަކު ތަމްރީނުކޮށް، ބުރިޖުގެ ހާލަތު ބެލުމުގެ މަސައްކަތްތަކެއް ކުރާނެއެވެ.

އެ މަސައްކަތް ހަވާލުކުރުމަށް ހަދައިފައިވާ އެއްބަސްވުމުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސީސީސީސީން ކުރާނެއެވެ. އަދި ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް އެ ކުންފުނިން ހަދާނެއެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމައި ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލައި ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުންވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

ސިނަމާލޭ ބުރިޖު މަރާމާތުކުރުން އިތުރު ތިން އަހަރަށް ޗައިނާއާ ހަވާލުކުރުން: އެ މަޝްރޫއާއެކު، ބުރިޖު މެނޭޖުކުރުމުގެ ނިޒާމަކަށް މަގުފަހިވާނެ ކަމަށް ސީސީސީސީން ބުނޭ -- ސަން ފޮޓޯ މޫސާ ނަދީމް

ސީސީސީސީން ބުނި ގޮތުގައި، ޗައިނާގެ އެހީއާއެކު ކުރިއަށް ގެންދިޔަ 200 މިލިއަން ޑޮލަރުގެ އެ މަޝްރޫއަކީ ގޮންޖެހުންތައް ގިނަ މަޝްރޫއެކެވެ. އެގޮތުން ބުރިޖު އެޅުމުގައި، ފަރު އުފެދިފައިވާ ގޮތާއި، ބޮޑެތި ރާޅާއި، ހޫނުގަދަކަމާއި، ދަބަރު ޖެހުން ފަދަ މައްސަލަތަކަށް ރިއާޔަތް ކުރަން ޖެހުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ގޮންޖެހުންތަކާއެކު ވެސް 33 މަހުން ބުރިޖުގެ މަސައްކަތް ނިންމާލެވުނުކަން ސީސީސީސީން ފާހަގަކުރިއެވެ.

ސިނަމާލެ ބުރިޖަށް ހަ އަހަރު ފުރުމާ ގުޅުވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، އެ ބުރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށާއި އެއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމަށެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ، ސިނަމާލެ ބުރިޖު ނިންމަން ކަނޑައެޅި ތާރީޚުގެ ވެސް ކުރިން، އެ ކަމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން އެ މަސައްކަތް ނިންމައިލުމަކީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

ބުރިޖަށް ހަ އަހަރު ފުރުން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވާން ލިޝިން ވިދާޅުވީ ސިނަމާލެ ބުރިޖުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލާއި، އިޖުތިމާއި އަދި އިގުތިސާދީ ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ. އަދި ޗައިނާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ މި މަސައްކަތުން، ޗައިނާގެ އެހީގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބޭކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް