ޣީބައިގެ ފާފައިން ސަލާމަތްވާނެ ގޮތް

އާދައިގެ ކަމެއްކަމަށް ހީކުރެވުނަސް ޣީބަ ބުނުމަކީ އިސްލާމްދީނުގައި ޙަރާންކުރައްވާފައިވާ ނުބައިކަން ބޮޑު ފާފައެއް -- ފޮޓޯ / މައުޑޫ3.ކޮމް

ޣީބައަކީ މީހަކު ނެތްތާނގައި އޭނާގެ ގޯސް ވާހަކައެއް ދެއްކުމެވެ. ދުލުގެ އިތުރުން ލިޔުމަކުން ނުވަތަ ކުރެހުމަކުންވިޔަސް މީހެއްގެ ނުބައި ވާހަކަ ދައްކައިފިނަމަ އެ ވާނީ ޣީބައަށެވެ. ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުން ސާބިތުވާގޮތުގައި ޣީބަ ބުނުމަކީ އިސްލާމްދީނުގައި ޙަރާން ކުރައްވާފައިވާ ކަމެކެވެ.(ޙުޖުރާތު: 12)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 'ޣީބައަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟' އެހިނދު އަޞްޙާބުން ދެންނެވިއެވެ. 'މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެ އިލާހުގެ ރަސޫލާ އެކަން ދެނެވަޑައިގެންވެއެވެ.' ދެން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. '(ޣީބައަކީ) އެ ބަހެއް ބުނުމުގެ ސަބަބުން ތިބާގެ އަޚާ ނުރުހުންވާފަދަ ބަހެއްބުނުމެވެ. (ނުވަތަ އެފަދަ ވާހަކައެއް ދެއްކުމެވެ.)' ދެން އަޞްޙާބުން ސުވާލުކުރެއްވިއެވެ. 'އަޅުގަނޑުމެން ބުނި ކަންތައް އެއީ އެ ބަސް ރައްދުވިމީހާގެ ކިބައިގައި ހުރި ކަމެއްކަމުގައިވާނަމަ ކިހިނެއްތޯއެވެ؟' އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 'ތިބާ ބުނި ކަންތައް އެބަސް ރައްދުވިމީހާގެ ކިބައިގައި ހުރިނަމަ ހަމަކަށަވަރުން ތިބާ ޣީބަ ބުނެފިއެވެ. އަދި ތިބާ ބުނި ކަންތައް އޭނާގެ ކިބައިގައި ނެތްނަމަ ހަމަކަށަވަރުން ތިބާ (އޭނާއާބެހޭގޮތުން) ދޮގުހަދައިފިއެވެ.'(މުސްލިމް: 4690)

ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް:

ޣީބަ ބުނުމުގެ ފާފައަށް އަރައިގަންނަ ތަފާތު ސަބަބުތައް ހުރެއެވެ. އެގޮތުން މީހަކު ކުރާ ކަމެއްގެ ސަބަބުން އޭނާ ދެކެ އެހެން މީހަކު ރުޅި އައުމުން، އެ ރުޅިއަންނަ ކަންތައް ކުރި މީހާއާ ބެހޭގޮތުން ޣީބަ ބުނެއެވެ. މިސާލަކަށް، 'އޭނާ ކުރާ ކަންތަކާ އަޅައިނުލާށެވެ. އެއީ އަބަދުވެސް އެގޮތަށް އުޅޭ މީހެކެވެ. އޭނާ އަބަދުވެސް މީހުން ރުޅިއަންނަ ކަހަލަ ކަންތައްތައް ކުރާނެއެވެ.' މިފަދަ ގޮތަކަށް ވާހަކަ ދައްކައި ޣީބަ ބުނެއެވެ. އަދި މީހެއްގެ ގޯސް ވާހަކަ ބަޔަކު ދައްކަމުންދަނިކޮށް އެ ވާހަކައަށް ތިމާވެސް ހެކިވާކަން ހާމަކުރުމުގެ ގޮތުން ޣީބަ ބުނެއެވެ. އެއީ މީހަކާ އޮންނަ ރަޙުމަތްތެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ނުވަތަ ގާތްމީހަކު ދައްކާ ވާހަކައެއްގައި ބައިވެރިވުމުގެ ގޮތުން ޣީބަ ބުނުމެވެ. ހަމަ މިއާއެކު، މީހުންގެ ކުރިމަތީގައި ތިމާގެ ޤަދަރު މަތިވެރިކުރުމުގެ ބޭނުމުގަޔާއި، މަޖާކުރުމާއި މީސްތަކުން ހެއްވުމުގެ ބޭނުމުގަޔާއި އަދި އެހެންމީހެއްގެ މައްޗަށް ތިމާގެ ހިތުގައި އުފެދިފައިވާ ޙަސަދަ ވެރިކަމެއްގެ ސަބަބުންވެސް ޣީބަ ބުނެއެވެ. ތިމާ ކުރިކަމެއްގެ ސަބަބުން ކުށްވެރި ވެދާނެކަމުގެ ބިރަށްޓަކައި ޣީބަ ބުނުންވެސް މީގެތެރޭގައި ހިމެނެއެވެ.

ޣީބަ ބުނުންކަމުގައި ހިމެނޭ، އެހެންނަމަވެސް އެއީ ޣީބަ ބުނުންކަމުގައި މީހުން ނުދެކޭ ބައެއް ހާލަތްތައް

- މީހަކު އެހެންމީހެއްގެ ނެތިނުބައި ވާހަކަ ދައްކާތީ އެއީ ގޯސްކަމެއްކަން ހަނދާންކޮށްދިނުމުން، 'އަހަރެން މިހުރީ އޭނާ (އެބަހީ: އެ ބަސް ރައްދުވާ މީހާ) ގެ ކުރިމަތީގައި ވެސް ހަމަ މިހެން ބުނަން ތައްޔާރަށޭ' ބުނުން. އޭނާގެ ކުރިމަތީގައި އެފަދައިން ބުނަން ތައްޔާރަށް ހުރުމަކީ އެ ދެއްކި ވާހަކަ ޣީބައަށް ނުވާނެ ސަބަބެއްނޫނެވެ. މިގޮތަށް ދެއްކޭ ވާހަކަވެސް އެއީ ހަމަ ޣީބައެވެ.

- މީހެއްގެ ނެތިނުބައި ވާހަކަ ދައްކަން ފަށަމުން ނުވަތަ ނިންމާފައި، 'މިކަހަލަ ވާހަކަ ދައްކަންޖެހޭތީ ﷲ އަށް ބިރުވެސް ގަނެޔޭ' ނުވަތަ 'މި ވާހަކަ މިދައްކަނީ ކޮންމެހެން ޣީބަ ބުނާކަށްނޫނޭ' ނުވަތަ 'މިހެން މި ބުނަނީ ކަލޭ ކައިރީގައިވީމައޭ' މިފަދަ ބަހެއް ބުނުން. ޣީބަ ބުނުން ހުއްދަކުރެވިފައިވާ ހާލަތްތަކުގައި މެނުވީ، ޣީބައަށްވާފަދަ ވާހަކައެއް ދައްކާއިރު ބުނެވިދިޔަ ފަދަ ބަހެއް އެއާ ވިއްދައި ބުނުމަކީ އޭނާ އެ ދެއްކި ވާހަކަ ޣީބައަށް ނުވާނެ ސަބަބެއްނޫނެވެ. އެ ވާނީ ހަމަ ޣީބަ ބުނުމަށެވެ.

- މީހަކު އެހެންމީހެއްގެ ގޯސް ވާހަކައެއް ދެއްކުމުން، 'އަހަރެންވެސް ތިޔަ ބުނާ މީހާއާ ބެހޭގޮތުން ތިޔަ ބުނި ކަންތައް ބެލީމޭ' ނުވަތަ 'ތިޔަ ކަމަކީ އޭނާގެ ފަރާތުން ހަމަ އަހަންނަށްވެސް ފާހަގަ ކުރެވުނު ނުވަތަ ދިމާވި ކަމެކޭ' ބުނުން ފަދަ ކަމަކުން، އެ ދެކެވުނު ވާހަކައިގައި ބައިވެރިވުން. މިފަދައިން ދެއްކޭ ވާހަކަތަކަކީވެސް ޣީބައެވެ.

ޣީބަ ބުނާ އަޑު އިވިއްޖެނަމަ ހަދާނީ ކިހިނެއް؟

އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. މީހަކު ޣީބަ ބުނާ އަޑު އިވިއްޖެނަމަ ނުވަތަ އެފަދަ ތަނަކަށް ދެވިއްޖެނަމަ ތިމާ އެކަމުން މަނާވެގަންނަންޖެހޭނެއެވެ. އަދި އެކަން ކުރާ މީހާއަށް އެކަމުގެ ނުބައިކަން އަންގައިދީ އޭނާ އެކަމުން މަނާކުރުވަންޖެހޭނެއެވެ. މިކަން ކުރާނީ އެވަގުތަކު އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ ގޮތަކަށެވެ. ދުލުން (އެބަހީ: އެމީހަކާ ވާހަކަ ދައްކައިގެން) މަނާކުރެވޭނަމަ އެގޮތަށެވެ. އެގޮތަށް ކުޅަދާނަ ނުވިނަމަ، އަތުން (އެބަހީ: އެމީހަކު އެތަނުން ދުރުކޮށްގެން) މަނާކުރެވޭނަމަ އެގޮތަށެވެ. މި ދެގޮތުންކުރެ ގޮތަކުންވެސް މަނާނުކުރެވުނުނަމަ އެ މަޖިލިސް ދޫކޮށް ދާނީއެވެ.

ޣީބައިގެ ފާފައިން ސަލާމަތްވާނީ ކިހިނެއް؟

ޙަޤީޤަތަށް ބަލާއިރު ޣީބަ ބުނުމަކީ އެކަމުން ސަލާމަތްވާން އެހާފަސޭހަ ކަމެއްނޫނެވެ. ސަބަބަކީ އެއީ ދިރިއުޅުމުގެތެރެއިން ވަރަށް އާއްމުކޮށް ކުރިމަތިވާ ކަމަކަށްވުމެވެ. މިކަމާމެދު މާބޮޑު ވިސްނުމެއް ނުބަހައްޓާނަމަ މީގެތެރެއަށް މީހާވަދެގެންދާނީ ހީވެސްނުކުރާހާ ފަސޭހަކަމާއެކުގައެވެ. އެހެންކަމުން މި ސުންޕާ ޢަމަލުން ސަލާމަތްވުމަށްޓަކައި ވަރުގަދަ ޖިހާދެއްކުރަންޖެހޭނެއެވެ.

ޣީބަ ބުނުމުގެ ޢަމަލުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ މި ފާފަޔަށް އަރައިގަނެވޭ މައިގަނޑު ސަބަބުތަކާމެދު ސަމާލުވެގެން ހުރުމެވެ. އެގޮތުން؛ ތިމާއާ ނުބެހޭ ވާހަކަތަކުގައި ބައިވެރިނުވާށެވެ. ވާހަކަ ދައްކަންޖެހޭ ހާލަތްތަކުގައިވެސް މީހެއްގެ ނެތިނުބައި ކިއިދާނެކަމާމެދު ހުށިޔާރުވެގެން ހުރެ، ހެޔޮ ވާހަކަ ދައްކާށެވެ. ގާތްތިމާގެ ކަމާއި ރަޙުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި، އެ ފަރާތްތަކުގެ ވާހަކައިގައި ބައިވެރިވެ ޣީބަ ބުނާކަށް ނުޖެހޭނެއެވެ. އެފަދަ މުޤައްދަސް ގުޅުންތަކެއް ދެމެހެއްޓުމަށްޓަކައި، 'ޙަރާން' ވަސީލަތެއް ބޭނުންކޮށްގެންނުވާނެކަން ދަންނަންވާނެއެވެ.

ތިމާގެ މުދައްރިސަކުފަދަ، އިޙުތިރާމުކުރެވޭ މީހަކު ދައްކާ ވާހަކައެއްގައި ކަމަށްވިޔަސް ޣީބަ އެކުލެވޭނަމަ އޭގައި ބައިވެރިނުވެ އަވަހަށް ސަލާމަތް ވެވޭތޯ މަސައްކަތް ކުރާށެވެ. ވާހަކަ ބަދަލުކޮށްލުން ނުވަތަ އެތަނުން ދާންއުޅުންފަދަ ނުރުހޭކަން ހާމަވާ އިޝާރާތަކުންވެސް އެކަން ކުރެވިދާނެއެވެ.

އިސްވެ ބުނި ކަންކަމާއެކު، އީމާންތެރިކަން ވަރުގަދަކޮށް ﷲ އަށް ތަޤުވާވެރިވުމާއި، ހެޔޮލަފާ ޞާލިޙު ރަޙުމަތްތެރީންނާއެކު ވަގުތު ހޭދަކުރުމާއި އޭގެތެރެއިންވެސް ޢިލްމުވެރި ތަޤުވާވެރި މީހުންނާ އެކުލަވައިގެން އުޅެވޭތޯ ބެލުމަކީ ޣީބައިގެ ފާފައިން ސަލާމަތްވުމަށް މުހިއްމު ފިޔަވަޅުތަކެވެ. އަދި މީގެއިތުރުން، ތިމާގެ މުސްލިމު އަޚާއާމެދު ހިތް ސާފުކޮށް ބޭއްވުމާއެކު، މި ދުނިޔޭގެ ޙަޔާތަކީ ދާދިއަވަހަށް ފަނާވެ ހިނގައިދާނެ އެއްޗެއްކަން އަބަދުވެސް ހަނދާންކުރާނަމަ ޣީބައާ ދުރުގައި އުޅެން ފަސޭހަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް