މިހާރު ''ތެޅި އަނބު'' ވަރެއް ނެތް!

ތަފާތު އެކި ކަހަލަ ކެއުންތައް މޮޅެތި ގޮތްގޮތަށް ތައްޔާރުކުރާ މަންޒަރުތައް މިހާރު ދިވެހި ޓިކްޓޮކުން ފެނެއެވެ. އިހަކަށް ދުވަހަކު އުޅުނީ ޑަބިޔާއެއް ތެރެއަށް ކުކުޅެއް ލައިގެންނެވެ. މި އަހަރުގެ އަނބު މޫސުމާ އެކު މި ފަހަރު މިއޮތީ ތަފާތު ކަމެއް ފެށިފައެވެ. އެއީ ތެޅި އަނބެވެ.

މި ދުވަސްކޮޅު ސޯޝަލް މީޑިއާއިން ފެންނަނީ ބަޔަކު "ތެޅި އަނބު" އެއްގެ ވާހަކަ ދައްކާ ތަނެވެ. މިއީ މީގެކުރީން ގިނަ ބަޔަކު އަޑު ވެސް އެހި އެއްޗެއް ނޫނެވެ. ނަމަވެސް, މިހާރު މިއީ ގިނަ ބަޔަކަށް ފެނިފައި ހުރި އެއްޗަކަށް ވެސް ވެދާނެއެވެ.

މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަނބު ގަސްތައް ފުރެން ފަށާފައިވާ ދުވަސްކޮޅެކެވެ. އެއާ އެކު މިއީ މި ޓްރެންޑު ފެށެން ވެސް އެންމެ އެކަށީގެންވާ ދުވަސްކޮޅެވެ.

ހުތް އަނބު ބޭނުންކޮށްގެން ތައްޔާރުކުރާ ތެޅި އަނބަކީ މިހާރު ވައިގައި ހިފަމުން އަންނަ ސްނެކެކެވެ. މިއީ ދިވެހީން މީގެ ކުރީން ހުތް އަނބު ކައި އުޅުނު ގޮތަށް ގެނައި ކުޑަ ޓްވިސްޓެކެވެ.

https://www.tiktok.com/@av_ernn/video/7369232229010132240

މީގެ ކުރީން ވެސް ދިވެހީން އެކި ގޮތް ގޮތަށް ހުތް އަނބު ކައި އުޅުނެވެ. އެއްބަޔަކު ނޫޑްލްސް ލޮނު ޕެކެޓާއެކު ހުތް އަނބު ކޭއިރު އަނެއް ބަޔަކު ކުޅި ރިހާކުރު ނުވަތަ ތެލުލި ރިހާކުރާ ޖަހައިގެން އަނބު ކައި އުޅުނެވެ.

އެހެންވީމާ މިއީ މުޅީން އާ ގޮތެއް ނޫނެވެ. މި ފަހަރު ހުތް އަނބު ކާން މިއުޅެނީ އެކި ކަހަލަ ލޮނާއި ތެޅި މިރުސް ބޭނުން ކޮށްގެނެވެ. މި ފަހަރު ކަންތައް ކުރާ ގޮތަކީ ހުރިހާ ލޮނަކާއި ހަވާދެއް އެއްކޮށްލައި ކޮތަޅަކަށް ފުރަތަމަ އަޅަނީއެވެ. އެއަށް ފަހު މި ކޮތަޅުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަޅި އަޅާފައިވާ އަނބު ލަނީއެވެ.

https://www.tiktok.com/@m.i.z.o.o/video/7369259698647747847

ހުރިހާ އެއްޗެއް އެއް ކޮތަޅެއްގެ ތެރެއަށް އަޅައި ރަނގަޅަށް އައްސާލުމަށްފަހު އެއްޗަކުން އަނބުގައި ތަޅަނީއެވެ. އަދި އެއަށް ފަހު އެ ކޮތަޅުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށްލަނީއެވެ. އެއާ އެކު މި ހަމަ ކޮތަޅުން ނަގާލައިގެން ކަނީއެވެ.

މިއީ ދަތުރެއް ކަހަލަ ތަނަކަށް އެންމެ ފައްކާ ސްނެކަށް ވެދާނެއެވެ.

ތެޅި އަނބާ މެދު ސޯޝަލް މީޑިއާގައި ހިޔާލު ތަފާތެވެ. އެއް ބަޔަކަށް މިއީ ކަމުދާ މަޖާ ސްނެކެކެވެ. ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ މި "ހަޑި ހާވަނީ" ކަމަށެވެ. އެއާއެކު މިހާތަނަށް ތެޅި އަނބުގެ އަޖުމަ ބަލާލީ ކިތައް މީހުން ހެއްޔެވެ؟

comment ކޮމެންޓް