އާއްމު ގޮތެއްގައި ކައްކަން ބޭނުންކުރާ ކުކިންގް އޮއިލް ނުވަތަ ތެލަކީ އެއް ފަހަރު ބޭނުންކުރުމަށް ފަހު ދެވަނަ ފަހަރު ވެސް ބޭނުންކުރުމަށް ރައްކާކުރާ ބާވަތެކެވެ.
ކެއްކުމުގެ އިތުރުން ފަހުން ބޭނުންކުރުމަށް އާއްމުގޮތެއްގައި ރައްކާކުރަނީ ހެދިކާ ތަކެތި ނުވަތަ 'ޑީޕް ފްރައިޑް' ކާނާ ތެލުލަން ބޭނުންކުރާ ތެލެވެ. ބައެއް މީހުން ޚަރަދު ކުޑަކުރުމުގެ ގޮތުން މިގޮތަށް އަމަލުކުރި ނަމަވެސް ތަކުރާރުކޮށް އެއް ތެޔޮގަނޑެއްގައި ތެލުލުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ މާހިރުން ލަފާދެއެވެ.
އާއްމުގޮތެއްގައި ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ބޭނުންކުރުން ރަނގަޅީ ތިން ފަހަރު ކަމަށާއި ތެޔޮ ގަނޑަށް އަންނަ ބަދަލާ އެކު އެ ތެޔޮގަނޑު ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފުޑް އެކްސްޕާޓުން ލަފާއަރުވައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1724354478449aVo.jpeg)
ކެއްކުމަށް ބޭނުންކުރި ތަކުރާރުކުރާ ނަމަ ރަގަޅަށް ދެނެގަނެވޭނެ ގޮތަކަށް ތެޔޮ ރައްކާކުރަންވާނެ -- ފޮޓޯ/ޕިންޓްރެސްޓް
އާއްމުކޮށް ޑީޕް ފްރައިޑް ތަކެތި ތެލުލުމަށް ބޭނުންކުރާ ތެޔޮގަނޑު މާ ގިނަގިނައިން ބޭނުންކުރާ ނަމަ އޭގެ ކުލައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކި ފަހަރުމަތިން ފުރާނާލުމުން ވެސް ތެލުގައި ކުނޑީގެ އެތިއެތިކޮޅު ހުންނަކަން ފާހަގަކުރެވޭ ނަމަ އެއީ ތެޔޮގަނޑު ބަދަލުކުރަންވީކަމުގެ ނިޝާނެކެވެ.
ތަކުރާރުކޮށް ބޭނުންކުރާ ތެޔޮ އެތީގައި މާ ގަދައަށް ވަސް ހުންނަ ނަމަވެސް އެއީ ތެޔޮގަނޑު ބަދަލުކުރަންވީކަމުގެ ނިޝާނެކެވެ. މާ ގަދައަށް ވަސް ހިފާ ފަދަ އެއްޗެއް ތެލުގައި ތައްޔާރުކުރާ ނަމަ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރެވިދާނެއެވެ. ނޫނީ ޑީޕް ފްރައިކުރުމުގެ ބަދަލުގައި ވެސް ކުޑަ ތެޔޮ ކޮޅަކުން ތެލުލުމަށް އާދަކުރެވިދާނެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172435457770y4i.jpeg)
ކެއްކުމަށްފަހު ތެޔޮ ރައްކާކުރާނަމަ ރަނގަޅަށް ފުރާނާލުމަށް ފަހު ތެޔޮ ރައްކާކުރުން މުހިއްމު -- ފޮޓޯ/ޕިންޓްރެސްޓް
މީގެ ސަބަބުން ތެޔޮ ބޭނުންކުރެވޭ މިންވަރު މަދުވެފައި އެކަމުން ހަށިގަނޑަށް ލިބޭ ގެއްލުން ވެސް ކުޑަވާނެއެވެ.
ކައްކަން ބޭނުންކުރާ ތެޔޮ ތަކުރާރުކުރުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުރިއިރު ތެޔޮ ރައްކާކުރުމުގައި ވެސް އިސްކަންދޭންޖެހޭ ވަރަށް މުހިއްމު ކަންކަން އެބަހުއްޓެވެ. އެގޮތުން، ރައްކާކުރާ ތެލުގެ ބާވަތުން މިސާލަކަށް ފޮނި ތަކެތި ތެލުލާ ތެޔޮ ވަކިން ރައްކާކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެއް ތެޔޮގަނޑެއް މާ ގިނައިން ބޭނުންކުރުމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވެ، ކެއްކުމުގައި ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ބޭނުންކުރާ މީހުން މި ކަންކަން ސަމާލުވުން ވަރަށް މުހިންމެވެ.