މި ދުވަސްވަރު އެންމެ ގިނައިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެންނަމުން ދަނީ ކިއުކަމްބާ ސެލެޑް ތަފާތު ގޮތަކަށް ތައްޔާރުކުރާ ވީޑިއޯތަކެވެ.
ހަށިގަނޑަށް ނުހަނު ފައިދާ ހުރި ބާވަތެއް ކަމަށްވާ ކިއުކަމްބާއިން ތަފާތު އެކި ވައްތަރުގެ ސެލެޑް ތައްޔާރުކޮށްލެވެއެވެ. ނަމަވެސް، ވައިރަލްވެފައިވާ ވީޑިއޯތަކުން ފެންނަނީ ކިއުކަމްބާ ތުނިކޮށް ކޮށާލުމަށް ފަހު ފުޅިއަކަށް ނުވަތަ ކޮންމެ ވެސް ކަހަލަ ކޮންޓެއިނާއަކަށް އެޅުމަށް ފަހު އެކި ވައްތަރުގެ ސޯސްތަކާއި ސެލެޑް ޑްރެސިންއާ އެކު އެއްކޮށްލާ މަންޒަރެވެ.
ބައެއް ދިވެހިން ކިއުކަމްބާއާ އެކު ފިޔާ، މަސްދަޅު ނުވަތަ ކޮންމެ ވެސް ކަހަލަ ޕްރޮޓީންގެ ބާވަތެއް އެއްކޮށްލައެވެ.
ޓިކްޓޮކްގައި މި ސެލެޑް ވައިރަލްވެފައިވަނީ ކޮންޓެންޓް ތައްޔާރުކުރާ ކެނެޑާގެ 23 އަހަރުގެ ޓިކްޓޮކާ ލޮގަން މޮފިޓް ނަމަކަށް ކިޔާ މީހަކު އޭނާގެ ފީޑްގައި ޕޯސްޓުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. 'ދަ ކިއުކަމްބަ ގައި'ގެ ނަމުން ޓިކްޓޮކް އަދި އެކްސްގައި މަޝްހޫރުކަން ހޯދާފައިވާ ލޮގަން އަކީ އާއްމުކޮށް ވެސް ތަފާތު އެކި ވައްތަރުގެ ކެއުންތައް ތައްޔާރުކުރާ ގޮތް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާ މީހެކެވެ.
ހާއްސަކޮށް ލޮގިން ތައްޔާރުކުރާ ކޮރެއަން ކެއުންތަކުގެ ވީޑިއޯތަކަކީ އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަމެއް ހޯދާ ވީޑީއޯތަކެކެވެ.
ލޮގަންގެ ވީޑިއޯއަށް އާއްމުންގެ ސަމާލުކަން ލިބެން ފެށީ ފުޅިއެއްގައި ވަރަށް މަދު ބާވަތްތަކެއް އެއްކޮށްލައިގެން ތައްޔާރުކޮށްލެވޭ ލުއި ސެލެޑަކަށްވުމާ ގުޅިގެންނެވެ. އޭނާގެ މި ވީޑިއޯ ޕޯސްޓުކުރިތާ މާ ގިނަ އިރުތަކެއްނުވެ، އޭނާގެ މި ވީޑިއޯ ބެލި މީހުންގެ އަދަދު 20 މިލިއަނަށް ވަނީ އަރާފައެވެ.
އާއްމުކޮށް ކިއުކަމްބާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ފަސޭހަ ރެސިޕީތަކުގެ ވީޑިއޯ ޕޯސްޓުކުރާ ލޮގިން ބުނެފައިވަނީ ކިއުކަމްބާ ކޮންޓެންޓްތަކަށް އެހާ ބޮޑު ތަރުހީބެއް ލިބެނީ އެއީ ސިއްހަތަށް ފައިދާ ހުރި ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުންތަކަކަށް ވާތީ ކަމަށެވެ.