ކަމަދޫ ފެނަކައިން ބިލަށް ފައިސާ އިތުކުރި މައްސަަލައެއްގައި ކޮރަޕްޝަންގެ ދައުވާކުރަން އެދިއްޖެ

ބ. ކަމަދޫ -- ފޮޓޯ: ބުކިން.ކޮމް

ބ. ކަމަދޫ ފެނަކަ ބްރާންޗުން ކަރަންޓް ބިލްތަކަށް ބަދަލު ގެނެސް, ފައިސާ ނަގާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީ އިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެ ރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ކޮމިޝަނުން ތަހުޤީޤުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު، ޢާއިޝަތު ސަމިއްޔާ މިނާގެ މައްޗަށެވެ.

ސަމިއްޔާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއެެވެ. އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޢާއިޝަތު ސަމިއްޔާ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52 ރުފިޔާ ނަގައި އެ ފައިސާ ބޭނުން ކޮށްފައިވެއެވެ.

އޭސީސީ އިން ބުނީ އެ ފައިސާ އަނބުރާ ހޯދުމަށް ނިންމާފައިވާކަމަށެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ނިިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް