މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިވިއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮތީ ގައުމުގެ ދަރަނި ބޮޑުވެ، އިގުތިސާދީ އަނދަވަޅެއްގައި ތާށިވުމެވެ. އަވަށްޓެރި ސްރީލަންކާގެ ހާލަތު ފެނި، ރާއްޖޭގެ މިސްރާބަކީ ވެސް އެއީތޯ ސުވާލުކުރެވެމުން އައެވެ. އެހެންވެ، ހުރިހާ ރިޔާސީ ކެންޑިޑޭޓުން ވެސް ރާއްޖޭގެ މާލީ ހާލަތު ސަލާމަތްކުރެވޭނެ ގޮތްތައް ރައްޔިތުންނަށް ހުށަހެޅިއެވެ.
އޭގެ ތެރެއިން އަޣުލަބިއްޔަތު ހޯއްދެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިގުތިސާދާއި މާލިއްޔަތުގެ ވައުދުތައް ފައްޓަވާފައިވަނީ ޑޮލަރުގެ ދަތިކަން ހައްލުކޮށް، ކަޅު ބާޒާރު ކުޑަކޮށް، ޑޮލަރުގެ އަގު ދައުލަތުން ކަނޑައަޅާފައިވާ މިންގަނޑު ތެރެއަށް އަލުން ފެއްތުމަށާއި އެ މިންގަނޑު ދެމެހެއްޓުމަށެވެ. އެ ވައުދު ފުއްދެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެ މަނިކުފާނު ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނުން ސަސްޕެންޑުކުރި ބައި އިޔާދަކުރަން ބާރުއެޅުއްވުން ހިމެނެއެވެ. ޑޮލަރު ޗާޕުކުރުން ހުއްޓައިލިއެވެ.
ފައިސާ ޗާޕު ކުރަން ފެށުން: އާމްދަނީ ހުއްޓި، އިތުރު ގޮތެއް ނެތުން
ކޮވިޑް-19 ފެތުރުމާ ގުޅިގެން އާމްދަނީ ލިބުން ގާތްގަނޑަކަށް އެއްކޮށް ހުއްޓުމުން، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލު ކުރުމުގެ އިސްތިސްނާ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ދިނީ އޭޕްރިލް 23، 2020 ގައެވެ.
އެ ހުއްދައަށް އެދި، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ފޮނުއްވި ކަރުދާހުގައިވަނީ ދައުލަތުގެ އާމްދަނީ ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އެކި ޓެކްސްގެ މައްޗަށް ކަމަށް ފާހަގަކޮށް، ކޮވިޑުގެ ފުރަބަންދާ އެކު އެ ދާއިރާ ހުއްޓުމަކަށް އައުމުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ދަރަނި ނެގުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އެ ހުއްދަ އޭރު ހޯދީ އެއް އަހަރަށް ނަމަވެސް އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 31އާ ހަމައަށް، ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރިއެވެ.
ފައިސާ ޗާޕު ކުރުން ދިގު ދެންމުމުގެ ކަންބޮޑުވުން
މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިން ތެރޭގައި އެންމެ ގިނައިން ވިދާޅުވި އެއް ވާހަކައަކީ ކުރީ ސަރުކާރުގެ ފައިސާ ޗާޕުކުރުމާއި ޑޮލަރު ރޭޓު ބޮއްސުންލާފައި އޮތް ކަމެވެ.
އޭރުގެ އިދިކޮޅު ޕާޓީތަކުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 2021 ވަނަ އަހަރުން ފެށިގެން ވެސް އައީ، ފައިސާ ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ނިމިދިޔަ ދައުރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާއިރު އެއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރާ މިންވަރެކެވެ.
ފައިސާ ޗާޕު ކުރަމުން ދިޔުމުގެ ނުރައްކާ
ފައިސާ ޗާޕު ކުރުމޭ ބުނަނީ، މެޝިނަކުން ފައިސާ ޗާޕުކުރުން ނޫންކަން ކިޔައިދެއްވަމުން އިގުތިސާދީ މާހިރު އާތިފް ޝަކޫރު ވިދާޅުވީ، އެއީ އިތުރު ފައިސާ ދައުރުކުރުވުން ކަމަށެވެ. އެގޮތަށް، ފައިސާ އިތުރުވުން މައްސަލައަކަށް ވަނީ، އިގުތިސާދި މުއާމަލާތްތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނެތުމުން ރުފިޔާގެ ސަޕްލައި އިތުރުވާ ވަރަކަށް ޑޮލަރުގެ ޑިމާންޑު ބޮޑުވުމުންނެވެ.
"އާންމުކޮށް އިގުތިސާދުގައި ދައުރުވާ ފައިސާ ދަނީ ޑޮލަރު ހޯދަން، ޑޮލަރު މަދުވާވަރަކަށް ޑޮލަރު ރޭޓު އަރާނެ،" އާތިފް ވިދާޅުވިއެވެ.
މި ފަހަކުން ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ ކޮވިޑް ތެރޭގައެވެ. އެގޮތުން، 2020ގައި 20 ރުފިޔާއަށް ޑޮލަރެއް ލިބުމަށް ފަހު ޖެހިގެން އައި އަހަރުތަކުގައި އާންމުކޮށް 17 ރުފިޔާއިން މަތީގައި ހުރެ، މިދިޔަ އަހަރުގެ ފަހުކޮޅު 18 ރުފިޔާއަށް ވެސް އެރިއެވެ.
ފައިސާ ޗާޕު ކުރުން ހުއްޓާލުމުން ހެޔޮ ފާލެއް
ސަރުކާރުގެ އެދުމަށް، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ވަނީ ފައިސާ ޗާޕުކުރުން ދިން ހުއްދަ ބާތިލުކޮށްފައެވެ. ރައީސް ވިދާޅުވެފައިވަނީ، އެއީ ގައުމުގެ އިގުތިސާދަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ޑޮލަރުގެ އަގު އުފުލުން ހުއްޓުވެނީ އެ ފިޔަވަޅު އަަޅައިގެން ކަމަށެވެ.
އެ ފިޔަވަޅުގެ ހެޔޮ ބަދަލު ފެންނަން ފަށައިފައިވާކަން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް މާޗު މަހުގެ ތެރޭގައި ފާހަގަކުރަން ފެށިއެވެ.
"ފައިސާ ޗާޕްކުރުން ހުއްޓާލާފައި މިހާރު ވާނީ. އެކަން ހުއްޓާނުލިނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ. ޑޮލަރުގެ އަގު އަރައިގެންދާނެ، 20 ރުފިޔާއަށްވުރެ ވެސް މައްޗަށް. އެހެންވީމާ، ފައިސާ ޗާޕްކުރިނަމަ، އިގުތިސާދު އެކީގައި ހަލާކުވީސް،" މަޖިލިސް އިންތިޚާބުގެ ކުރިން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، ރައީސް ވިދާޅުވިއެވެ.
އޭގެ ކުރިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ސަރުކާރަށް ތައުރީފު ކުރައްވައި، ފައިސާ ޗާޕުކުރުން ހުއްޓާލުމުން ޑޮލަރު ރޭޓާއި އިންފްލޭޝަން ދަށަށްދާ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މި ވާހަކަތައް ދެއްކުމުން ވެސް އެ ސަރުކާރުން އިންފްލޭޝަނަށް ހައްލެއް ނުގެނައީއެވެ.
ފާއިތުވި މަސްތަކުގައި ޑޮލަރުގެ އަގު ދަށްވެ، މި ފަހަކުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 17.30އާ ހިސާބުގައި ހިފެހެއްޓިފައި ހުއްޓެވެ.
"މި ދޭތެރެއިން މި ފެނުނީ ކޮންމެ ވެސް ވަރަކަށް ޑޮލަރުގެ ރޭޓު ތަންކޮޅެއް ދަށްވަމުން އަންނަ ތަން، މި އަހަރު ތެރޭގައި މިދަނީ ފައިސާ ޗާޕު ނުކޮށް އެހެންވީމާ ޑޮލަރުގެ ރޭޓަށް އެއައި ލުއި އެއީ ފައިސާ އިތުރަށް ޗާޕުކޮށްގެން އިގުތިސާދަށް ނުނެރުމުގެ ވަރަށް ބޮޑު ފެކްޓާއެއް ކަމަށް ބެލިދާނެ،" އާތިފް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފައިސާ ޗާޕު ކުރުން ހުއްޓާލުމުން ބައެއް މަޝްރޫއުތަކަށް ބުރޫ އެރިކަން ސަރުކާރުން ހާމަކޮށްފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދިގު މުއްދަތަށް ބަލާއިރު ގައުމުގެ އިގުތިސާދަށް އެންމެ ރަނގަޅު ގޮތަކީ އާމްދަނީ ލިބޭ މިންވަރަކުން މަޝްރޫއުތައް ހިންގުން ކަމަށެވެ.
"އެހެންނޫނީ ޖެހޭނީ ފައިސާ ޗާޕުކޮށްގެން ނެރެގެން ނޫނީ ކޮންމެ ވެސް ތަނަކުން އަނެއްކާ ބޮރޯ ކޮށްގެން، އެހެންކަމަށްވަންޏާ ޖެހޭނެ އެ ލޯނު އިންޓްރެސްޓާއެކު އަނބުރާ ދައްކަން ވެސް، އެހެންވީމަ އާންމު ގޮތެއްގައި އާމްދަނީއިން ހިންގޭ ވަރަށް ޕްރޮޖެކްޓުތައް ހިންގުން އިގުތިސާދަށް ރަނގަޅު ގޮތެއް ކަމަށް ފެންނަނީ،" އާތިފް ވިދާޅުވިއެވެ.
ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މާލީ އިދާރާތަކުން ވަނީ ތައުރީފުކޮށްފައެވެ. ނަމަވެސް، ރާއްޖޭގެ ދަރަނި އަދިވެސް ބޮޑުވުމުން، އިސްލާހީ ފިޔަވަޅުތައް ހަރުދަނާކޮށް، ވިސްނުންތެރިކަމާ އެކު ކުރިއަށްދާން ޖެހޭކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ފައިސާ ޗާޕުނުކުރުމުގެ ފޮނިމީރުކަން ދިވެހި އިގުތާސަދަށް ޔަގީނަށް ވެސް ކޮށްފިއެވެ.