ސުނިލް ޗެތުރީ ގައުމީ ޓީމުން ރިޓަޔާކުރަނީ

ސުނިލް ޗެތުރީ ވަނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފައި --

އިންޑިއާގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ޗެތުރީ، 39، މިއަދު އެކްސްގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ބުނީ އަންނަ މަހުގެ ހަޔެއްގައި ކުވެއިތާ ދެކޮޅަށް ކަލްކަތާގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗަކީ އޭނާގެ އެންމެ ފަހު ބައިނަލްއަގުވާމީ މެޗަށް ވާނެ ކަމަށެވެ.

ޗެތުރީ ބުނި ގޮތުގައި އޭނާ ރިޓަޔާ ކުރަނީ ބަލިވެގެން ނުވަތަ އެފަދަ އެއްވެސް ސަބަބަކާ ހެދިއެއް ނޫނެވެ. ނަމަވެސް އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"މިއީ އެންމެ ފަހު މެޗަށް ވާން ޖެހޭ ކަމުގެ ފިކުރު އައުމުން އެކަމާ ވަރަށް ބޮޑަށް ވިސްނުމަށް ފަހު މިގޮތަށް ނިންމީ،" ޗެތުރީ ބުންޏެވެ.

އޭނާ ބުނީ އަދިވެސް ކުޅެން ބޭނުންވި ނަމަވެސް، މިހާރު ބައިނަލްއަގުވާމީ މައިދާނުން ރިޓަޔާ ކުރަން ޖެހިއްޖެކަން ގަބޫލުކުރާ ކަމަށެވެ.

ޗެތުރީއަކީ، މިހާރު ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައޮނެލް މެސީއަށް ފަހު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ 150 މެޗެއްގައި 94 ގޯލު ޖަހައިފައިވެއެވެ.

ކްލަބް ފެންވަރުގައި ޗެތުރީ 515 މެޗުގައި ކުޅެ، 252 ގޯލު ޖަހައިފައިވެއެވެ.

ޗެތުރީގެ ކެޕްޓަން ކަމުގައި އިންޑިއާއިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން ޗެލެންޖު ކަޕް އާއި ސާފް އާއި އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައިވެއެވެ.

comment ކޮމެންޓް