ޑި ބްރުއިނާ، ސިޓީ ދޫކޮށްލަނީތަ؟

ކެވިން ޑި ބްރުއިނާ: އޭނާ ސިޓީ ދޫކޮށްލާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި -- ފޮޓޯ/ފަބްރިޒިއޯ/އެކްސް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބުރުއިނާ އެ ކްލަބް ދޫކޮށް ހިނގައިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

މީގެ ދެ ދުވަހެއް ކުރިން މިއީ އެއްވެސް މީހެއްގެ ހިތުގައި އުފެދޭނެ ސުވާލެއް ނޫނެވެ. ނަމަވެސް، ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދާ އެކު އަމިއްލަ ކަންތައްތަކުގައި ޑި ބްރުއިނާ އެއްބަސްވުމަކަށް އައި ޚަބަރު ޔޫރަޕްގެ ނޫސްތަކުގައި ދައުރުވާން ފެށުމާ އެކު ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެ ޓީމު ދޫކޮށް ހިނގައިދާނެކަމުގެ ސުވާލު މިހާރުވަނީ އުފެދިފައެވެ.

ނަމަވެސް، ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވެފައިވަނީ ޔޫރަޕްގެ އެންމެ ފައިސާ ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސިޓީއަށް ވެސް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ފައިސާއާއި ހެދި ޓީމުގައި ނުހިފެހެއްޓި ދޫކޮށްލަން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭތީއެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހް މަންސޫރު 2008 ވަނަ އަހަރު ސިޓީ ބައްލަވައިގެން ފަހުން އެ ޓީމު ބެލިފައިވަނީ ފައިސާގެ ސަބަބުން ޔޫރަޕްގެ އެހެން ކްލަބްތަކަށް އޮތް ބޮޑު ބިރެއްގެގޮތުގައެވެ.

އުމުރުން 33 އަހަރުގެ ޑި ބްރުއިނާއަށް މިހާރު ވެސް މަހު މުސާރައެއްގެ ގޮތުގައި 1.73 މިލިއަން ޕައުންޑް ލިބެއެވެ.

ޑި ބުރުއިނާ ސައުދީ ލީގަށް ބަދަލުވާން އުޅޭކަމަށް މީޑިއާގައި ވާހަކަދެކެވުނު ނަމަވެސް އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރިޒިއޯ ރޯމާނޯ ވަނީ އެ ކަން ދޮގުކޮށްފައެވެ. އެކަމަކު، ސައުދީ ލީގުން އަންނަނީ ސިޓީގެ ކީޕަރު އެޑަސަން ގަތުމަށް މަޝްވަރާކުރަމުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑި ބްރުއިނާ ސިޓީ ދޫކޮށްލާ ވާހަކަ ދޮގުކޮށްފައެވެ.

ޑި ބްރުއިނާގެ އެންމެ ކާމިޔާބު ސީޒަނަކަށް ވެފައިވަނީ 13 ލަނޑު ޖަހާ 20 އެސިސްޓް ކޮށްދިން 2019-2020 ވަނަ ސީޒަނެވެ. މިދިޔަ ސީޒަންގެ ވެސް ބޮޑު ބައި އޭނާ ހޭދަކޮށްފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

މި ފަހުން ދިން ބަސްދީގަތުމެއްގައި ޑި ބްރުއިނާ ވެސް ވަނީ އޭނާގެ ކެރިއާ މިހާރު ނިމޭއަތަށް އަޅާފައިވާ ކަމަށް ބުނެފައެވެ.

ގައުމީ ޓީމާ އެކު ޑި ބްރުއިނާއަށް ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް ކްލަބް ލެވެލްގައި ކުޅުންތެރިއަކަށް ހޯދޭނެ ހުރިހާ ކާމިޔާބީއެއް ސިޓީއާ އެކު ޑި ބްރުއިނާވަނީ ހޯދައިފައެވެ.

comment ކޮމެންޓް