އެވަޓަންގެ އޮނާނާ ވިލާއަށް ސޮއިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ކުޅެމުންދިޔަ އަމަޑޫ އޮނާނާ އެ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ.

ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 22 އަހަރުގެ އޮނާނާ ވިލާއަށް ބަދަލުވެފައިވަނީ 50 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޮނާނާވަނީ އެންމެ ފަހުން ނިމިގެންދިޔަ ޔޫރޯ މުބާރާތުގައި ވާދަކުރި ބެލްޖިއަމް ޓީމު ކުޅުނު ހުރިހާ މެޗެއް އެއްކޮށް ކުޅެފައެވެ. އަދި، އެ މުބާރާތުގައި އޮނާނާގެ ފަރާތުން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިފައެވެ.

އޮނާނާއަކީ ވިލާއިން ދެވަނައަށް އެންމެ އަގުބޮޑުކޮށް ގަނެފައިވާ ކުޅުންތެރިޔާއެވެ. އެ ޓީމުން ގަނެފައިވާ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މޫސާ ޑިއާބީއެވެ. އޮނާނާ ސީނިއާ ކެރިއާ ފަށާފައިވަނީ ޖަރުމަނު ބުންޑެސްލީގާގެ ހަމްބާގާ އެސްވީއިންނެވެ.

އަދި، އެއަށް ފަހު އެވަޓަންއަށް ބަދަލުވުމުގެ ކުރިން ފްރެންޗް ލީގު އާންގެ ލީލުއަށް އެއް އަހަރު އޭނާ ކުޅެފައިވެއެވެ.

އޮނާނާ އެވަޓަންއަށް ބަދަލުވެފައިވަނީ 2022 އަހަރު 33 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެވަޓަންގައި އޭނާ ހޭދަކުރި ދެ އަހަރުގެ ތެރޭގައި އޭނާވަނީ 72 މެޗު ކުޅެދީފައެވެ. އަދި، މިދިޔަ ސީޒަންގައި އޮނާނާވަނީ ތިން ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ.

އޮނާނާއަކީ ވިލާގެ ކޯޗު އުނާއި އެމްރީ އާސީޒަނަށް އެ ޓީމަށް ގެންދިޔަ އަށްވަނަ ކުޅުންތެރިޔާއެވެ. ކުރިއަށް އޮތް ސީޒަންގައި ވިލާއަށް ޔުއޭފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވާތީ އެ ޓީމު ވަރުގަދަ ކުރުމަށް އެމްރީ ވަރަށް ބޮޑަށް ބޭނުންވެއެވެ.

ވިލާއިން އާސީޒަނަށް ގެންގޮސްފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި އިއާން މާޓްސެން، އެންޒޯ ބަރެންއޭޗިއާ، ސެމިއުލް ލިން ޖޫނިއާ، ލުވިސް ޑޮބިން، ރޮސް ބާކްލީ، ކެމެރޮން އާޗާ އަދި ޖޭޑެން ފިލޮޖީން ހިމެނެއެވެ. ޕްރެމިއާ ލީގުގައި އޮނާނާ ވިލާއަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ފުރަތަމަ މެޗަކަށް ވެގެންދާނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ވިލާއިން ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް