ސްޕޭސް އެކްސްގެ ސެޓްލައިޓް ޔުނިޓް ސްޓާލިންކް ލޯންޗްކުރަން އެ ކުންފުނީގެ ވެރިޔާ މަހުޖަނު އެލޮން މަސްކް އަންނަ އާދީއްތަ ދުވަހު އިންޑޮނޭޝިއާއަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް އިންޑޮނޭޝިއާ ސަރުކާރުގެ ކެބިނެޓްގެ ދެ ވަޒީރަކު ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ އަރިސް ބޭފުޅެއް ކަމަށްވާ މިނިސްޓަރު ލުހުތު ޕަންދްޖައިތާން ވިދާޅުވީ އިންޑޮނީޝިއާގެ ލީޑަރާ އެކު ބާލީގައި މަސްކް މި ހިދުމަތް ފައްޓަވާނެ ކަމަށެވެ.
އިންޑޮނީޝިއާގެ އޮފިޝަލުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ މަސްކް އެ ގައުމަށް ވަޑައިގެން އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނުވަތަ އޭނާގެ އޮޓޯ ފާމް ޓެސްލާ (ޓީއެސްއެލްއޭ)އިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑޮނޭޝިއާގައި ބޭއްވި ކޮންފަރެންސެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް މީގެ ކުރިން ވެސް މަސްކް ވަނީ ވާހަކަދައްކާފައެވެ.
ބާލީގައި ބާއްވާ ވޯލްޑް ވޯޓާ ފޯރަމްގައި ވެސް މަސްކް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ލުހުތު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ސްޓާލިންކް ލޯންޗްކުރުން އޮންނާނީ ބާލީގެ ވެރިރަށް ޑެންޕަސާރުގެ ކްލިނިކެއްގައި ކަމަށާއި، ސިއްހީ ދާއިރާއަށް ކަނެކްޓިވިޓީ ގެނައުމުގެ އެއްބަސްވުމުގައި މަސްކް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު ބުޑީ އަރީ ސެޓިއާޑީ ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ވިދާޅުވިއެވެ.
ސްޓާލިންކްގެ އިންޑޮނޭޝިއާގެ މަންދޫބުންނަށް މަސްކްގެ ދަތުރުގެ ޔަގީންކަން އަދި ލިބިފައިނުވާއިރު، ދަތުރުގެ މައުލޫމާތު މަސްކްގެ ޓީމްގެ ފަރާތުން އަދި އެއްވެސް މީޑިއާއަކަށް ރަސްމީކޮށް ދީފައެއް ނުވެއެވެ.
ސްޓާލިންކުން މިދިޔަ ހަފުތާގައި ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރީޓެއިލް ކަސްޓަމަރުންނަށް އިންޑޮނޭޝިއާގައި ވިޔަފާރީގެ ގޮތުން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ މި މަހުގެ ކުރީކޮޅު ހޯދާފައިވާ ކަމަށެވެ.