އިންޑޮނޭޝިއާއިން ސިނގިރޭޓް ގަނެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅައިފިއެވެ.
މީގެކުރިން އެ ގައުމުގެ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ސިނގިރޭޓް ގަނެވެއެވެ. ދުނިޔޭގެ ނިސްބަތުން ދުންފަތުގެ އިސްތިއުމާލު އެންމެ ގިނައިން ކުރާ އެއް ގައުމުގެ ގޮތުގައި އޮތް އިންޑޮނޭޝިއާގައި ސިނގިރޭޓް އިޝްތިހާރުކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.
އިންޑޮނޭޝިއާއިން އެކަން މަނާކުރީ އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ މިދިޔަ ހަފުތާ ސޮއިކުރެއްވި ރަސްމީ ގަވާއިދެއްގެ ދަށުންނެވެ. އެ ގަވާއިދުގެ ދަށުން ވަކި ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.
އެ ގަވާއިދުގެ ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ދަށްކޮށް، އުމުރުން ދުވަސްވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަން ކުރުން ހުއްޓުވުން ކަމަށް އެ ގަވާއިދު ބުނެއެވެ. ގަވާއިދުގައި ސްކޫލްތަކާއި ކުޅިވަރު ކުޅޭ ސަރަހައްދުތަކާ 200 މީޓަރު ކައިރީގައި ސިނގިރޭޓް ވިއްކުން މަނާކޮށްފައިވާ މާއްދާއެއްވެސް ހިމެނެއެވެ.
އަދި އުމުރު ޔަގީންކުރުމެއް ނެތި، "ވިޔަފާރި އިލެކްޓްރޯނިކް އެޕްލިކޭޝަންތަކާއި" ސޯޝަލް މީޑިއާ ސައިޓްތަކުގައި އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުން ވެސް އާ ގަވާއިދުގައި މަނާކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި ސިނގިރޭޓް އިޝްތިހާރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.
އެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި ސިނގިރޭޓް އިޝްތިހާރުކުރުން ވަގުތީ ގޮތުން މަނާކުރުން ވެސް ހިމެނެއެވެ.
ދުއިސައްތަ ހަތްދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ދުންފަތުގެ ބާވަތްތައް އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމަށާއި އެ ގައުމުގެ ގާތްގަނޑަކަށް 70 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2021 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައިވެއެވެ.
އިންޑޮނޭޝިއާގެ ސިއްޚަތާބެހޭ ވުޒާރާއިން މިދިޔަ އަހަރު ކުރި ސާވޭއެއްގައި ބުނެފައި ވަނީ އެގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ 70 މިލިއަން މީހުންގެ ތެރެއިން 7.4 އިންސައްތަ މީހުންނަކީ 10 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާތަކުގެ މީހުން ކަމަށެވެ. އަދި އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލުކުރާ އުމުރުފުރާއަކީ 15 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
ފުޅާދާއިރާއެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އިންޑޮނޭޝިއާއިން ވަނީ ފާއިތުވި މަދު އަހަރުތަކުގައި ގާތްގަނޑަކަށް ކޮންމެ އަހަރަކު ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްފައެވެ. އެގޮތުން މިއަހަރުވެސް 10 އިންސައްތައަށް ޓެކްސް ވަނީ ބޮޑުކޮށްފައެވެ.