އިންޑޮނޭޝިއާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

އިންޑޮނޭޝިއާގެ އާ ރައީސް ޕަރްބޯވޯ ސުބިއަންޓޯ. އޭނާ މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު. ފޮޓޯ/އޭޕީ

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ އިންޑޮނޭޝިއާގެ އާ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެން ކުރީގެ އާމީ ޖެނެރަލް ޕަރްބޯވޯ ސުބިއަންޓޯ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ސުބިއަންޓޯ މަޖިލީހުގައި ހުވާ ކުރެއްވުމުގެ ކުރިން ރިޔާސީ ގަނޑުވަރަށް ވަޑައިގެންނެވުމުން، މިހާރު ރައީސްކަމުގައި ހުންނެވި ޖޯކޯ ވިޑޯޑޯ ވަނީ އޭނާއާ ވެރިކަން ހަވާލުކުރައްވާފައެވެ.

ޖަކާޓާގައި ބޭއްވި ރަސްމިއްޔާތެއްގައި އެގައުމުގެ އާ ރައީސް ސުބިއަންޓޯ އަދި ކުރީގެ މޭޔަރު ޖިބްރާން ރަކަބޫމިންގް ރާކާ ނައިބު ރައީސްގެ މަގާމުގެ ހުވާކުރެއްވީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 10 ޖެހިއިރުއެވެ.

އުމުރުން 73 އަހަރުގެ ސުބިއަންޓޯއަކީ އޭނާ އަކީ އިންޑޮނޭޝިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ދުވަސްވީ ރައީސްއެވެ. ކަމަށާއި އުމުރުން 37 އަހަރުގެ ޖިބްރާން އަކީ އެގައުމުގައި މިހާތަނަށް ނާއިބު ރައީސްކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއެވެ.

މި އަހަރުގެ ފެބްރުއަރީ 14 ގައި ބޭއްވި އިންޑޮނޭޝިއާގެ ރިޔާސީ އިންތިޚާބުގައި ސުބިއަންޓޯ ވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ސުބިއަންޓޯ އިންތިޚާބު ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓު ހޯއްދަވަގައިގެންނެވެ. އެއީ އޭނާއާ ވާދަކުރެއްވި އިންޑޮނީޝިޔާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާން ހޯއްދެވި ވޯޓުގެ ގާތްގަޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ރައީސް ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުބިއާންޓޯއަކީ އިންޑޮނޭޝިއާގެ ދިފާއީ ވަޒީރެވެ. އޭނާއަކީ ކުރިން އިންޑޮނޭޝިއާ ސިފައިންގެ ޖެނެރަލުންގެ ތެރޭގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު އަސްކަރީ ބޭފުޅެކެވެ. އިންޑޮނޭޝިއާ ސިފައިންގެ އެންމެ އެލީޓް ބާރުކަމަށްވާ ސްޕެޝަލް ފޯސަސް ގެ ކޮމާންޑަރުކަންވެސް ސުބިއާންޓޯ އަދާ ކުރައްވާފައިވެއެވެ.

ސުބިއަންޓޯގެ ކެބިނެޓް މިއަދު މެންދުރުފަހު އިއުލާނުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

comment ކޮމެންޓް