އިންޑޮނޭޝިއާގެ ރައީސްގެ ދަރިފުޅު ޕްރައިވެޓް ޖެޓެއް ބޭނުންކުރެއްވި މައްސަލައިގައި އޭސީސީއަށް

އިންޑޮނޭޝިއާގެ ރައީސްގެ ދަރިކަލުން ކައެސަންގް ޕަންގަރެޕް. އޭނާ ވިދާޅުވީ އެންޓި ކޮރަޕްޝަން އެޖެންސީއަށް ކުރެއްވި ޒިޔާރަތަކީ އޭނާ އަމިއްލަފުޅަށް ކުރި ޒިޔާރަތެއް ކަމަށް. ފޮޓޯ/އޭއެފްޕީ

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ދަރިފުޅު ޕްރައިވެޓް ޖެޓެއް ބޭނުންކުރި މައްސަލައެއްގައި، ކަން ހިނގައިދިޔަ ގޮތް ކިޔައިދެއްވުމަށް އޭނާ އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވެވަޑައިގެންފިއެވެ.

ވިޑޯޑޯގެ އެންމެ ހަގު ދަރިފުޅު، 29 އަހަރުގެ ކައެސަންގް ޕަންގަރެޕްގެ އޭސީސީއަށް ވަޑައިގަތީ، މިދިޔަ މަހު ޕްރައިވެޓް ޖެޓެއްގައި އޭނާއާއި އަނބިކަނބަލުން އެމެރިކާއަށް ވަޑައިގެންނެވުމުން އެކަމަށް އިންޑޮނޭޝިއާގެ ގިނަ ބަޔަކު ފާޑުކިޔަމުންދާތީ، އެކަމުގެ ތަފުސީލު ހާމަކުރެއްވުމަށެވެ.

އެ ދެމަފިރިންގެ މުއްސަނދި ދިރިއުޅުއްވުން ފެންނަ ފޮޓޯތައް ޕަންގަރެޕްގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައިވެއެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކައެސަންގް ވިދާޅުވީ އެ މައްސަލައިގައި އޭނާ އޭސީސީއަށް ހާޒިރުވީ އަންގައިގެން ނޫން ކަމަށާއި އަމިއްލައަށް ބޭނުންވެގެން ވަޑައިގަތީ ކަމަށެވެ. އެގޮތުން އޭނާ އެމެރިކާއަށް ވަޑައިގަތީ ރައްޓެއްސެއްގެ ޖެޓުގައި ކަމަށް ކައެސަންގް ވިދާޅުވިއެވެ.

މިދިޔަ މަހު ޕްރައިވެޓް ޖެޓެއްގައި ކައެސަންގް އާއި އޭނާގެ އަންހެނުން އެމެރިކާއަށް ކުރި ދަތުރުގެ ޚަބަރު އާންމުވީ، އިންޑޮނޭޝީއާގެ އެކި ސަރަހައްދުތަކަށް މޭޔަރުންނާއި ގަވަރުނަރުން ހޮވުމަށް އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ކައެސަންގްއަށް ވާދަކުރެވޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ހުށަހެޅި މައްސަލައިގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރި ފަހުންނެވެ.

މުޒަހަރާތަކާ ގުޅިގެން މަޖިލީހުން ވަނީ އެ ބިލް އަނބުރާ ގެންގޮސްފައެވެ.

އޭސީސީގެ ޑެޕިއުޓީ ހެޑް ޕަހާލާ ނައިންގްގޯލާން ވިދާޅުވީ ކައެސަންގް އެއްވެސް ގަވާއިދަކާ ޚިލާފުވެވަޑައިގެންފައިވޭތޯ ބަލައި އެކަން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

އެކަން ސާބިތުވެއްޖެ ނަމަ، ޕްރައިވެޓް ޖެޓްގައި ދަތުރު ކުރުމަށް ހޭދަވި ޚަރަދު އަނބުރާ ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ނައިންގްގޯލަން ވިދާޅުވިއެވެ.

ކޭސަން އެމެރިކާއަށް ދަތުރުކުރެއްވުމަށް ފުރަތަމަ ރާވާފައި އޮތީ އޮގަސްޓް 20 ވަނަ ދުވަހު ކޮމާޝަލް ފްލައިޓެއްގައި ކަމަށާއި ނަމަވެސް އެ ދަތުރު ފަހުން ކުރެއްވީ އޭނާގެ ރައްޓެސެއްގެ ޕްރައިވެޓް ޖެޓެއްގައި ކަމަށް ކައެސަންގްގެ ތަރުޖަމާނު ފްރެންސިން ވިދްޖޯޖޯ ވިދާޅުވިއެވެ.

ވިޑޯޑޯގެ ދައުރު އަންނަ މަހު ނިމޭއިރު، އެ އާއިލާގެ ސިޔާސީ ބާރު ގަދަކުރަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ރައީސަށް ވަނީ ރައްދުވެފައެވެ.

އިންޑޮނޭޝިއާގެ ރިޔާސީ އިންތިޚާބު މިދިޔަ ފެބްރުއަރީ މަހު ބާއްވައިފައިވާއިރު، އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ވިޑޯޑޯގެ ޑިފެންސް މިނިސްޓަރު ޕްރަބޮވޯ ސުބިއެންޓޯ އެވެ. އާ ރައީސްގެ ރަނިންމޭޓު އަދި ދެން ގައުމުގެ ނައިބު ރައީސަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކީ ވިޑޯޑޯގެ ދޮށީ ދަރިފުޅު، 36 އަހަރުގެ ޖިބްރާން ރަކަބޫމިންގް ރާކާ އެވެ.

comment ކޮމެންޓް