ލިސްޓު އާންމުކުރިތާ އެތައް މަހެއް ފަހުން، އަންނަ ހަފުތާގައި އައްޑޫން ގޯތި ދޫކުރަން ފަށަނީ

އައްޑޫ ސިޓީ ހިތަދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީއިން ގޯތި ލިބުނު މީހުންނަށް އަންނަ ހަފުތާގައި ގޯތި ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫން ގޯއްޗަށް ހުށަހެޅި މީހުން ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 17 ގައެވެ. އޭގެ ފަހުން، ދާއިމީ ލިސްޓު ވެސް އޮތީ އާންމުކޮށްފައެވެ.

މި ކަމާ ގުޅިގެން 'ސަން'އަށް މަައުލޫމާތުދެއްވަމުން އައްޑޫ މޭޔަރު ވިދާޅުވީ ގޯތިތަކަށް ޝަރުތުހަމަވި މީހުންގެ ގުރުނަގާފައިވާ ކަމަށެވެ. އެ ކަމަށް ތައްޔާރުވުމަށް މިހާރު ކުރިއަށް ދަނީ އިދާރީ މަސައްކަތްތައް ކަމަށާއި ގޯތިތައް ވަކި ކުރުމަށް ފަހު، ދޫކުރުމުގެ މަސައްކަތަށް ތައްޔާރުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ ހަފުތާގައި އެ މަސައްކަތް [ގޯތި ދޫކުރުމުގެ] ފޭދޫގައި މަސައްކަތް ފެށިދާނެ ކަމަށް މި ބަލަނީ. ދެން އެކަމަށް ބައެއް އިދާރީ ތައްޔާރީތައްވަމުން، ރެޑީ ވަމުން ދަނީ،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކައުންސިލުން މީގެ ކުރިން ބުނީ، ގޯތި ދޫކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި ގޯތި ދޫކުރާނީ އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 1000 ގޯއްޗެވެ. އެއީ، ހިތަދުއިން 500 ގޯތި، ފޭދުއިން 300 ގޯތި އަދި ހުޅުދުއިން 100 ގޯތީގެ އިތުރުން މީދުއިން 100 ގޯއްޗެވެ.

ދެވަނަ މަރުހަލާގައި ގޯތި ދޫކުރާނީ އަވަށްތަކަށް އިތުރުކުރާ ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

https://sun.mv/181736

ގޯތި ލިބޭ މީހުންގެ އަދަދުތަކަށް ބަލާއިރު، ކެޓަގަރީ އޭގައި ހިތަދުއިން 2145 މީހުންނަށް ގޯތި ލިބެއެވެ. އަދި، ފޭދުއިން 860 މީހުންނަށް ގޯތި ލިބޭއިރު، ހުޅުދުއިން 231 އަދި މީދުއިން 271 ގޯތި ލިބެއެވެ. ކެޓަގަރީ ބީގައި، ހިތަދުއިން 295 މީހުންނަށް ގޯތި ލިބެއެވެ. އަދި، ފޭދުއިން 179 މީހުންނަށް ގޯތި ލިބޭއިރު، ހުޅުދުއިން ގޯތިލިބެނީ 37 މީހުންނަށެވެ. މީދުއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ 34 މީހުންނަށެވެ.

އެ ކައުންސިލުގެ އަމާޒަކީ ލިސްޓުގައި ހިމެނޭ މީހުންނަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގޯތި ދޫކޮށް ނިންމުން ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް