އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދުއިން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ އެންމެންނަށް މުޅި ޖުމްލަ 4052 ގޯތި ދޭން ނިންމައި، ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން، އާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތި ދޫކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ގޯތި ދޫކުރާނީ އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 1000 ގޯއްޗެވެ. އެއީ ހިތަދުއިން 500 ގޯތި، ފޭދުއިން 300 ގޯތި އަދި ހުޅުދުއިން 100 ގޯތީގެ އިތުރުން މީދުއިން 100 ގޯއްޗެވެ.
ދެވަނަ މަރުހަލާގައި ގޯތި ދޫކުރާނީ އަވަށްތަކަށް އިތުރުކުރާ ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުގެ އަމާޒަކީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގޯތި ދޫކޮށް ނިންމުން ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ގޯތި ލިބޭ މީހުންގެ އަދަދުތަކަށް ބަލާއިރު، ކެޓަގަރީ އޭގައި ހިތަދުއިން 2145 މީހުންނަށް ގޯތި ލިބެއެވެ. އަދި ފޭދުއިން 860 މީހުންނަށް ގޯތި ލިބޭ އިރު، ހުޅުދުއިން 231 އަދި މީދުއިން 271 ގޯތި ލިބެއެވެ.
އަދި ކެޓަގަރީ ބީގައި، ހިތަދުއިން 295 މީހުންނަށް ގޯތި ލިބެއެވެ. އަދި ފޭދުއިން 179 މީހުންނަށް ގޯތި ލިބޭއިރު، ހުޅުދުއިން ގޯތިލިބެނީ 37 މީހުންނަށެވެ. އަދި މީދުއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ 34 މީހުންނަށެވެ.
ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް، ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޯތި ލިބެން ޖެހޭ ފަރާތްތަކާ ހަވާލުކުރާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.