ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ގުޅިފަޅު ބިން ހިއްކަނީ. އެ ތަން ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ވަނީ ބާތިލުކޮށްފައި -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ބޯހިޔާވަހިކަމަށް ހިއްކާ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން އަންގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ބޯހިޔާވަހިކަމަށް ގުޅީފަޅު ހިއްކަން ފެށީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުއެވެ. އެ ފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ވަނީ އެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓުގައި އެދިފައެވެ. އެކަމަކު، އެ ކޯޓުން ވަގުތީ އަމުރު ނެރެދީފައެއް ނުވެއެވެ.

އެހެންވެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބިން ހިއްކުން ހުއްޓާލަން އަންގައި ވަގުތީ އަމުރެއް ނެރުނީ އެ ކޯޓުންނެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ވަގުތީ އަމުރެއް ނެރެދީފައިވަނީ އެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ގުޅީފަޅު ހިއްކަން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، އެ މަސައްކަތް ހުއްޓުވައިފި ނަމަ ގަޑިއިރަކަށް 15،300 ޔޫރޯ ދައުލަތުން ދައްކަން ޖެހޭނެއެވެ.

https://sun.mv/188722

ހުކުމުގައި ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭނެކަން އެނގުނު ނަމަވެސް އެއީ ދާއިމީ ގެއްލުންތަކެއްކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ. އަދި، މަސައްކަތް ހުއްޓުވައިފި ނަމަ ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވާނެކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ގުޅީފަޅު ހިއްކަން ހަވާލުކުރީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅައި އެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވެއެވެ.

comment ކޮމެންޓް