ހައިކޯޓުން ޖިހާދުގެ މައްސަލަ ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: ހައިކޯޓުން ޖިހާދުގެ މައްސަލަ ބަލައިގެންފި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަަންނަން ނިންމާފައި ވަނިކޮށް، އަލުން އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.

މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އޭގެ ފަހުން ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އިތުރު ފުރުސަތެއް ދިނެވެ. އެ ފުރުސަތު ހަމަވީ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.

ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

https://sun.mv/200252

އެއާއެކު ޕީޖީ އޮފީހުންވަނީ އެ ނިންމުން މުރާޖާކުރުމަށް އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.

ނަމަވެސް ހައިކޯޓުން ބުނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން އަލުން އެ މައްސަލަ ބަލައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މައްސަލައިގެ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނޭޅުނު ސަބަބު ހާމަކުރުމުން ކަމަށް ހައިކޯޓުން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމް ހަމަނުޖެހުމުގެ ސަބަބުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަަންނަން ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން އެ ކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ޕީޖީ އޮފީހުން މިމަހުގެ 12ގައި ހުށަަވެސް އެޅިއެވެ.

comment ކޮމެންޓް