ސިޔާސީ މަގާމެއްގައި ހުރެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އެ މައްސަލަ އަނބުރައި ގެންގޮސްފިއެވެ.
ހައިކޯޓުން މި ގޮތަށް ނިންމީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ރައްދުވާ މީހެއްގެ ވަކީލަކަށް، އެންވަޔަމެންޓް މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނަވައިގެން މުހައްމަދު ރާގިބް ވަޑައިގަތުމުންނެވެ. ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާގިބް މަގާމުން ވަކި ކުރައްވައިފައެވެ.
ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގެ ރެޖިސްޓާއިން ފެންނަން ނެތުމާ ގުޅިގެން "ސަން"އިން ސުވާލު ކުރުމުން ރާގިބް ވިދާޅުވީ މައްސަލަ އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ރާގިބު ވިދާޅުވީ އޭނާއަކީ މިހާރު ސިޔާސީ މީހެއް ނޫން ކަމަށާއި، އެހެން ކަމުން އެ މައްސަލައިގައި ކުރިޔަށް ދިއުމަށް އޭނާއަށް ހުރަހެއް ނެތް ކަމަށެވެ.
"އެއީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ [އައްޔަނު ކުރައްވާފައި ތިބި] މަގާމުތަކުގައި ތިބި މީހުންނަށް މަންފާ ކުރަން ބޭނުން ނުވާތީ، އަޅުގަނޑަކީ ވެސް ސިޔާސީ މީހަކަށް ނުވާތީވެ އަޅުގަނޑަކަށް ހުރަހެއް ނެތް. އެހެންވެ އެ ކަން ހުއްޓައިލީ," ރާގިބު ވިދާޅުވިއެވެ.
މި މައްސަލައިގެ އިތުރުން، މިދިޔަ ސަރުކާރުގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އެ ރަށުގެ އާބާދީއަށް 10،000 މީހުން ހަމަނުވަނީސް ކަމަށް ބުނެ، ހައިކޯޓަށް ދުސްދޫރީ މައްސަލައެއް ވެސް ރާގިބު ހުށަހެޅުއްވިއެވެ.
އެންވަޔަމެންޓު މިނިސްޓްރީގެ ނައިބުކަމުން ރާގިބު ވަކިކުރީ މި މައްސަލައިގައި ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމުންނެވެ.
މިދިޔަ ނޮވެންބަރު 25ގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އޮތީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ރާގިބު ކޯޓަށް ދިއުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ, އޭނާ އެންވަޔަމެންޓް މިނިސްޓްރީގެ ނައިބުކަމުން ވަކިކުރެއްވީ ކަމަށެވެ.
"ސަން" އިން މީގެ ކުރިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ ފަރާތެއް، ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ތެރޭގައި ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.