ޓްރީޓޮޕްއިން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ދޭން ފަށަނީ

މިއަދު ޓްރީޓޮޕްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޓްރީޓޮޕްއިން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ދޭން ހުއްދައަށް އެދިފައިވާ ކަމަށް ބުނި -- ސަން ފޮޓޯ/ އަމަން ލަތީފް

ޓްރީޓޮޕްއިން ކިޑްނީ ޓްރާންސްޕްލާންްޓް ކުރުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މިއަދު ޓްރީޓޮޕްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ، އައިވީއެފްގެ އިތުރުން އެ ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕުލާންޓްގެ ޚިދުމަތް ދޭން ފަށަން ބޭނުންވާކަން ސަރުކާރުގައި ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ މަޝްވަރާތައް 2020 ވަނަ އަހަރުން ފެށިގެން ސަރުކާރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، ކިޑްނީ ޓްރާންސްޕްލާންޓާއި ލިވާ ޓްރާންސްޕުލާންޓްއަކީ ވެސް ދުނިޔޭގައި ވަރަށް އާންމުކޮށް ދެމުންދާ ޚިދުމަތެއް ނަމަވެސް ރާއްޖޭގައި އެކަން ނުކުރެވެނީ ގަވައިދުތަކާއި ގާނޫނުތަކުގެ އިތުރުން ޚިދުމަތް ދޭނެ މަރުހަލާތައް ގާއިމްކުރެވިފައި ނެތުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހުއްދަ ލިބިއްޖެނަމަ ހަތަރު މަހާއި ހަ މަހާ ދޭތެރޭގެ މުއްދަތެއްގައި ޓްރާންސްޕްލާންޓް ޚިދުމަތް ދިނުމުގެ ތައްޔާރީތައް ކުރެވޭނެއެވެ.

"ބޭނުންވާ ގަވައިދުތައް ނެތިއްޔާ ގެއްލިގެންދާ ކޮންމެ ދުވަހަކީ ރާއްޖޭގައި ތިބި ޕޭޝަންޓުންނަށް ގެއްލިގެންދާ ދުވަހެއް. ހުރިހާ ކަމަކީ އިއްޔެ ނިމިފައި ހުންނަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ސަރުކާރާ ގުޅިގެން، އެކަންތައްތަކަށް އަލި މަގެއް ފެންނާނެ ކަމަށް."

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގައި އައިވީއެފް ފަރުވާ ކާމިޔާބު ކަމަށާއި އެ ފަރުވާއިން މިހާތަނަށް ދެ ކުދިން އުފަންވެފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް