މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި

ދަމަނަވެށި ކުޅުދުއްފުށީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން: މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަލީ ޒުހެއިރު --- ޕޮޓޯ/ހެލްތު މިނިސްޓްރީ

މާލެއިން ބޭރުގައި ހަދާ ފުރަތަމަ ދަމަނަވެށި ކުޅުއްދުއްފުށި ސިޓީގައި ގާއިމުކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ރޭ ހަވާލުކޮށްފިއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފެވެ.

އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަލީ ޒުހެއިރެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ދަމަނަވެށި އިމާރާތްކުރަން ހަވާލުކޮށްފައިވާނީ 23 މިލިއަން ރުފިޔާއަށް، ދޮޅު އަހަރުތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިލާއަށް ކަމަށެވެ. އަދި މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އެތަނުން ދޭ ޚިދުމަތްތައް:

  • ވެކްސިން ދިނުން
  • ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުން
  • ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުން
  • ސިއްހީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރަށްރަށުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ނިމޭއިރު، އެ ރަށަކުން ދޭ ޚިދުމަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

މާލޭ ހެލްތު ސެންޓަރުގެ ނަމުގައި ދަމަނަވެށި ހުޅުވީ 1984 ވަނަ އަހަރެވެ. އެތަނުގެ ނަން ދަމަނަވެއްޓަށް 2013 ވަނަ އަހަރު ބަދަލުކޮށް، މިހާރު ހިންގަމުން އަންނަނީ އާބަން ހެލްތު ކެއާ ސެންޓަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް