މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު މިއަދު އިތުރުކޮށްފިއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00އިން ރޭގަނޑު 10:30އަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލައި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލެވެ.
އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު އިތުރުކޮށްފައިވަނީ އައިސީޔޫއާއި ސީސީޔޫ ފިޔަވައި، އެހެން ވޯޑުތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ވަގުތުތަކުގައި ބަލި މީހުންނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު އެންމެ ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލް ކަމަށްވާއިރު، އާންމު އުސޫލެއްގެ ގޮތުގައި ބަލި މީހުންނަށް ޒިޔާރަތް ކުރަން އޮންނަނީ ހަވީރު 5:00އިން 8:00އަށެވެ. ނަމަވެސް އެކި ހާލަތްތަކާ ގުޅުވައި އެ ގަޑިތަކަށް ބައެއް ފަހަރު ބަދަލު ގެނެއެވެ.