ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮވެ، މިހާރު އިދިކޮޅުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ނަމޫނާ ދައްކާފައިވާ ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ނަވާރަ ވަނަ މަޖިލީހުގެ ދައުރު މާދަމާ ނިމޭއިރު، އިއްޔެ ވަނީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވައިފައެވެ.
މިއަދު ޝާހިދު ވަނީ މަޖިލިސް އިދާރާއަށް ވަޑައިގެން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިޙްތިރާމްކުރުމުގައި ނަމޫނާ ދައްކައިފައިވާ ކަމަށެވެ. އަދި ފުރިހަމަ ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި ގާނޫނު ހަދާ މަޖިލީހެއް މަސައްކަތްކުރާނެ ގޮތް މި މަޖިލީހުގައި އެ ޕާޓީން ދައްކުވައިދިން ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަވާރަ ވަނަ މަޖިލީހަކީ އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތެއް އޮތް މަޖިލީހަކަށްވެފައި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު މަޖިލިސް ކަމަށްވީކަމީ އެމްޑީޕީ ފަޚުރުވެރިވާ ކަމެއް،" ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ލިޔުއްވި ޕޯސްޓުގައި ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައި އިރު ކަސްތޮޅު އެޅުވިފައިވާ ލާމަރުކަޒީ ނިޒާމު އަލުން ހިނގައިގަތުމަށް ބޭނުންވާ ގާނޫނު ފާސްކޮށް، އެ ނިޒާމު ހަރުދަނާކަމާއެކު ހިނގަމުންދަނީ 19 ވަނަ މަޖިލީހުގެ މުހިއްމު ދައުރެއް އޮވެގެން ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ ޕާޓީކަމަށާއި، މި މަޖިލީހުން އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް ފާސްކުރުން އެކަމުގެ ހެއްކަކަށް ފުދޭކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްއާއި ބައްދަލުކުރެއްވުން-- ފޮޓޯ/ މަޖިލިސް
މި މަޖިލީހުގެ ދައުރުގައި ކޮށްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ޕާޓީގެ ފަރާތުން ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
"ހަމައެއާއެކު، ސަރުކާރުގައި އެމްޑީޕީ އޮތްނަމަވެސް، ސަރުކާރު ޖަވާބުދާރީކޮށް، ވަޒީރުންނާ ސުވާލުކޮށް، އެމްޑީޕީ އާއި ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ކުރެއްވި،" ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އުފެދުނީއްސުރެ މިއަދާ ހަމައަށް މި ވޭތުވެ ދިޔަ 92 އަހަރުތެރޭ އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ކަމަށް މަޖިލީހުގެ ރައީސް އަސްލަމް އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި ދައުރުގައި 513 ޖަލްސާއަކާއި، 3،784 ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި މި ދައުރުގައި 178 ބިލާއި، 73 ގަރާރުގެ މަސައްކަތް ކުރި ކަމަށާއި ސަރުކާރުން ހުށަހެޅި 152 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅި 104 މައްސަލައެއްގެ އިތުރުން މެންބަރުން ހުށަހެޅި 48 މައްސަލައެއް ބަލައި އެ މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަވާރަ ވަނަ މަޖިލިސް ފެށި އިރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނެވެ. ނަމަވެސް ވަކި ހިސާބަކުން ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އާ ސިޔާސީ ޕާޓީއެއް (ދަ ޑިމޮކްރެޓްސް) އުފައްދަން ބައެއް މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ.
އެއާއެކު އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުނެވެ. ނަމަވެސް މަޖިލީހުގެ މި ދައުރު ނިމެންދެން މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީއެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީ މިހާރުގެ ސަރުކާރަށެވެ.
comment ގގ
11 month 1 day ago
ޗޯރުން ލޫޓުވާ ނަމޫނާ ތިމީހުން ދެއްކީ !
comment ތަރި ދުން
11 month 1 day ago
ނަމޫނާ ދެއްކީ ކިހިނެއް.؟ ރައްޔިތުން ގޮތް ނިންމީމަވެސް އުޅުނީ، ތިމާމެންވަރެއްނެތިގެން ކަތިލާން.، ހަމަ ހިނި އަންނަނީ...
comment ދޮގު ބެ
11 month 1 day ago
ކިހާ ހިތާމަހުރިކަމެއް. ދިވެހީން ތިޔަ ނަމ ނަމޫނާ ބަލައެއް ނުގަނޭކަން އެންމެފަހުގެ އިންތިހާބުން ސާބިތުކޮށްދިންއިރުވެސް ތިޔަ އުޅެނީ އަމިއްލަ ނަފުސަށް އޮޅުވާލުމެްގަވިއްޔަ. ޤައިމުގެ 5 އިން ސައްތަވެސް ތިިޔަ ވާހަކަ މިހާރު ޤަބޫލެއް ނުކުރޭ.
comment އޭނާ
11 month 1 day ago
ތިނަމޫނާމިގައުމައްބޭނުމެއްނޫވޭ. އެކަންއިންތިހާބުތަކުންސާބިތުކޮއްދީފައެއޮތީ ދައުލަތްލޫޓުވާ ނަމޫނާ. ދަރަނިމެކުހައްޖަހާ ނަމޫނާ. އިންޑިއާއައްގައުމުވިއްކާ ނަމޫނާ..
comment ސސ
11 month 2 day ago
މިދިޔަ 5 އަހަރަކީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ހުސްކުރި 5 އަހަރު، މަޖިލިސް މެމްބަރުން ހުޅުމޭލެއިން ގޯތި ހޯދި 5 އަހަރު !
comment ނަމޫނާބެ
11 month 2 day ago
ހުދުމުހުތާރު ކޮއް ތިބުނާ ނަމޫނާ ދެއްކީ