ހުއްދަ ނުނަގައި އިންޑިއާ އަސްކަރީ ޕައިލެޓުން ރާއްޖޭގައި އޮޕަރޭޝަނެއް ހިންގައިފައިވާކަމަށް ބުނެ، ނިމިދިޔަ ހަފުތާގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވި ވާހަކަތައް އިންޑިއާއިން ދޮގުކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހުރި އިންޑިއާގެ ވައިގެ އުޅަނދުފަހަރު ބޭނުންކުރަމުން އައީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހޯދަންޖެހޭ ހުއްދަތައް ނަގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ނަމަވެސް އެ ދުވަހު މިނިސްޓަރުވަނީ ހުއްދަ ނުނަގައި ދަތުރެއް ކުރިކަން އެނގިލައްވާކަމަށް ވިދާޅުވެފައެވެ.
"މިލިޓަރީ ކޮމާންޑް އެންޑް ކޮންޓްރޯލުގެ ވާހަކަ މިދެންނެވީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރި ފާއިތުވި ފަސް އަހަރު 241 ކޮމިޓީން ބަލާފައި އޮންނާނެ ދިވެހިންގެ ހުއްދަނެތި ފުލައިޓެއް އަޅާފައި އޮތްކަން. ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު ދުއްވާފައި. އެއީ ތިމަރަފުއްޓަށް [ހެލިކޮޕްޓަރު] ލޭންޑްކުރި އިންސިޑެންޓެއް،" މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
ހުއްދަ ނުނަގައި ދަތުރެއް ކުރިކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވި ވާހަކައަށް އިޝާރާތްކޮށް ހައިކޮމިޝަނުން ބުނީ، އެއީ 2019ވަނަ އަހަރުގެ އޮކްޓޯބަރު ނުވަވަނަ ދުވަހު ކުރި ދަތުރެއް ކަމަށެވެ.
ނަމަވެސް އެ ދަތުރަކީ ވެސް ހުއްދަތައް ނަގައިގެން ކުރި ދަތުރެއް ކަމަށާއި، އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށް ބަޔާނުގައިވެއެވެ. އެއީ ދިމާވި ކުއްލި ހާލަތެއްގެ ސަބަބުން ބޯޓާއި ބޯޓުގެ ކްރޫގެ ސަލާމަތަށް ވިސްނައި ނެގި ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
މި މަހު 10ވަނަ ދުވަހު ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ އިންޑިއާއަށް ގޮސްފައިވާކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. މިހާރު އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަނީ އިންޑިއާ ސަރުކާރުގެ ބާރު ހިނގާ އަސްކަރީ ކުންފުންޏެއްގެ އޮޕަރޭޓަރުންނެވެ.