ދައުޙާ (14 މޭ 2024): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މެލޭޝިއާގެ ބޮޑުވަޒީރު ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފިއެވެ.
ގަތަރުގެ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން އެ ގައުމުގެ އަމީރު ތަމީމް ބިން ހަމަދާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
ނަމަވެސް، ދެ ގައުމުގެ ގުޅުންތައް އިތުރަށް ތަރައްގީކުރުމާ ބެހޭ ގޮތުންނާއި ބައިނަލްއަގުވާމީ އެހެން މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ރިޕޯޓްތައް ބުނާގޮތުން މެލޭޝިއާގެ ބޮޑުވަޒީރު ގަތަރަށް ކުރައްވާ ދަތުރުފުޅުގެ އެއް ބޭނުމަކީ ގަތަރުގެ އިންވެސްޓްތައް ހޯދުމެވެ. މެލޭޝިއާގައި ގަތަރުން އިތުރު އިންވެސްޓްތައްކުރުމުގެ ފުރުސަތު ހޯއްދެވުމެވެ. މި ކަމާ ބެހޭ ގޮތުން އަންވަރު ވަނީ ގަތަރުގެ އަމީރާ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.
އަންވަރުގެ ދަތުރުފުޅުގައި ގަތަރުގެ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމެޖެހިފައެވެ.
މެލޭޝިއާގެ އިގުތިސާދު މަޑުޖެހިލާފައިވާތާ ދެ އަހަރެއްހާ ދުވަސްވެއްޖެއެވެ. ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މެލޭޝިއާގެ އިގުތިސާދު ވަނީ މަޑުޖެހިފައެވެ. އިގުތިސާދު ރަނގަޅަށް ހިނގައިގަތުމަށް ބޭނުންވަނީ ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެ ގައުމުގެ ޕާލަމެންޓްގައި ވާހަކަދައްކަވާފައެވެ.
މެލޭޝިއާއަކީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ފާޅުގައި ތާއީދުކުރާ ގައުމެކެވެ. ބޮޑުވަޒީރު އަންވަރު ވަނީ އިސްރާއީލުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ދަރިންނާއި ކާފަ ދެ ދަރިން ދާދި ފަހުން ޝަހީދުކޮށްލުމުން ހަނިއްޔާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އޭގެ ތަންކޮޅެއް ކުރިން ހަނިއްޔާވަނީ މެލޭޝިއާއަށް ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް ގޮވާލައި އަންވަރު އިސްކޮށް ހުންނަވައިގެން މެލޭޝިއާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި އަދި އާންމުން ހިމެނޭގޮތަށް ދާދި ފަހުން ވަނީ މެލޭޝިއާގައި ބޮޑު ހިނގާލުމެއް ވެސް ބާއްވާފައެވެ. މެލޭޝިއާއިންވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ.