މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ، އަހުމަދު އުސައިދު އިބްރާހީމް އަފީފް ކިޔާ ފިރިހެނެކެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު މިއަދު 'ސަން'އަށް ވިދާޅުވީ، މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން އުޅޭ ކަމުގެ ޚަބަރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއްލުނީ، އިއްޔެ މެންދުރު 03:00ގެ ފަހުންނެވެ.
އެމީހާ ހޯދުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެމައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދެމުންނެވެ.