މީގެ ދިހަ ވަރަކަށް އަހަރު ކުރިން ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ މެރިން ރޮބޮޓިކްސް ކުންފުންޏަކަށް މެލޭޝިއާ ސަރުކާރުން ދީފިއެވެ.
ދުއިސައްތަ ހަތާވީސް ފަސިންޖަރުންނާއި 12 ފަޅުވެރިންނާއެކު ގެއްލިފައިވާ އެ ބޯޓު ވެއްޓިފައިވަނީ އިންޑިއާ ކަނޑުގެ ދެކުނަށް ކަމަށް ބެލެވެއެވެ.
މެލޭޝިއާގެ ދަތުރުފަތުރާބެހޭ ވަޒީރު، އެންތޮނީ ލޯކޭ ވިދާޅުވީ އެމެރިކާގެ މެރިން ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީއާ އެކު ހެދި އެއްބަސްވުމެއްގެ ޝަރުތުތަކާ ގަވާއިދުތަކަށް ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.
ފައިނަލް ކުރި އެއްބަސްވުމުގައި އޯޝަން އިންފިނިޓީއަށް 70 މިލިއަން ޑޮލަރު ދިނުމަށް ރުހުން ދިން ނަމަވެސް، އެއީ "ނޯ ފައިންޑް، ނޯ ފީ" ޕޮލިސީއެއްގެ ދަށުން ވެފައިވާ އެއްބަސްވުމެއް ކަމަށް ވެސް ލޯކް ވިދާޅުވިއެވެ. މާނައަކީ ކުންފުންޏަށް ފައިސާ ލިބެނީ ކާމިޔާބުކަމާއެކު ބޯޓު ހޯދުމުންނެވެ.
އޯޝަން އިންފިނިޓީން 2018 ވަނަ އަހަރު ވެސް ވަނީ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
ލޯކް ވިދާޅުވި ގޮތުގައި މިފަހަރު ބޯޓު ހޯދާއިރު އިންޑިއާ ކަނޑުގެ ދެކުނުގެ 15،000 އަކަ ކިލޯމީޓަރު ހޯދާނެއެވެ.
މީގެ ކުރިން މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ވަނީ އެ ސަރަހައްދުން 120،000 އަކަ ކިލޯމީޓަރު ހޯދާފައެވެ. އޭރު ކުރެވުނު މަސައްކަތްތައް ބިނާވެފައި އޮތީ އިންމާސެޓް ސެޓެލައިޓަކާއި ބޯޓާ ދެމެދު އޮތް އޮޓޮމެޓިކް ކަނެކްޝަން ޑޭޓާގެ މައްޗަށެވެ.
ދޭހާސް ސާދަވަނަ އަހަރު މާޗުމަހު މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ.
ފަސް އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، ގެއްލުން ފަސިންޖަރުންގެ އާއިލާތަކުން މީގެކުރިން ވަނީ މެލޭޝިއަން އެއާލައިންސް، ބޮއިންގް، އެ މަތިންދާބޯޓުގެ އިންޖީނު އުފައްދި ކުންފުނި ރޯލްސްރޮއިސް އަދި އެލިއަންޒް އިންޝުރަންސް ގްރޫޕުން ބަދަލު ހޯދަން އެދިފައެވެ.