މެލޭޝިއާއިން ގެއްލިގެން ހޯދާ އުސައިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

ގެއްލިގެން ހޯދާ އުސައިދު: އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ----

މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެއްސެއް ކަމަށްވާ އަހުމަދު އުސައިދު އިބްރާހީމް އަފީފް ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން އެނގިއްޖެއެވެ.

އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަ ދުވަހެވެ.

އުސައިދު މި ވަގުތު ހުރީ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ކަމާ ގުޅުންހުރި އިދާރާއަކުން ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފައެވެ. އުސައިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތުހުމަތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އުސައިދުގެ ބައްޕަ، އިބްރާހީމް އަފީފް އިއްޔެ ވަނީ އޭނާގެ ދަރިފުޅު މިދިޔަ އާދިއްތަ ދުވަހުގެ 15:15ގެ ފަހުން 'ސަންވޭ ޖީއޯ'އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން އެރޭގެ 22:00ގައި އެކަން ޕޮލިހަށް އެންގި ކަމަށް ބުނެފައެވެ.

ހަމަ އެ ދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށާއި މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

މިގޮތުން، ސީސީ ޓީވީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން އާދިއްތަ ދުވަހުގެ 16:00 ހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު ކަމަށާއި އެއީ ބަންދު ދުވަހެއްކަމުން އެމްބަސީގެ މީހަކާ އުސައިދާ ބައްދަލުވާގޮތް ނުވިކަން އޭނާގެ ބައްޕަ ބުނެފައިވެއެވެ.

https://sun.mv/203316

އުސައިދުގެ ބައްޕަ ބުނި ގޮތުގައި، ސްޓޫޑެންޓް ކާޑު ފެނިފައި ވާކަމަށާއި އޭނާ ހުރީ ހެޔޮހާލުގައިކަން ޔަގީންކުރެވިފައިވާ ކަމަށެވެ. އަދި، އުންމީދަކީ ހެޔޮ ހާލުގައި އުސައިދު ފެނުން ކަމަށް އޭނާ ބުނެފައިވެއެވެ.

މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައި ވަނީ އިއްޔެގައެވެ. އެ މީހާ ހޯދުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެ މައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދިފައި ވެއެވެ.

comment ކޮމެންޓް