ރިލްވާނާއި ޔާމީންގެ މަރު މައްސަލަ: މަރު ކޮމިޝަނުގެ ރިޕޯޓު އައިލާތަކަށް ހިއްސާކުރަން ހުށަހަޅަނީ

8 އޮގަސްޓު 2017: ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރިލްވާން ގެ އާއިލާ އާއި ރަހްމްތެރިން ބޭއްވި ހިނގާލުމުގެ ތެރެއިން: އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް ކަމަށްބުނެ ފުލުހުން ވަނީ މި ހިނގާލުން ހުއްޓުވާފަ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައާއި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާއިލާތަކަށް ހިއްސާކުރަން، އެ ރިޕޯޓުތަކުގައި ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަަހަޅާނެކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ރިލްވާނާއި ޔާމީންގެ އާއިލާއިން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ހިއްސާކުރާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރާކަން އެނގޭކަމަށެވެ. ނަމަވެސް އެ ރިޕޯޓުތަކުގައި ހުރި މައުލޫމާތަކީ ވަރަށް ސިއްރު، ސެންސިޓިވް މައުލޫމާތު ތަކެއް ކަމަށް ކޮމިޝަނުން މިއަދު ބުންޏެވެ.

އެހެންނަމަވެސް އެ މައުލޫމާތުތައް އުނިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލާނެ ކަަމަށް ބުންޏެވެ. އެއާއެކު މަސައްކަތްކުރަމުން އަންނަނީ އެ އާއިލާތަކަށް ރިޕޯޓު ހިއްސާކުރުމަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރިޔާސީ ކޮމިޝަންތަކުން ތައްޔާރުކުރާ ރިޕޯޓުތައް ހުށަހަޅަން ޖެހެނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންނަމަވެސް އެ މައްސަލަތަކުގައި އާއިލާތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތުތައް ހުރުމާއެކު ސިއްރުކުރަންޖެހޭ މުހިންމު މައުލޫމާތުތައް އުނިކުރުމަށްފަހު އެ ރިޕޯޓު އާއިލާތަކަށް ހިއްސާކުރުމުގެ ކުރިން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހުށަހަޅާނެކަމަށް ބުންޏެވެ.

ރިލްވާނަށް އިންސާފު ހޯދުމަށް އެދި ބޭއްވި ހިނގާލުމެއްގެ ތެރެއިން

ހަމައެއާއެކު މިހާރު އެ ކޮމިޝަނުގެ ހުރިހާ ރެކޯޑެއް ރައީސް އޮފީހާ ހިއްސާކުރުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ކުރީގެ ސަރުކާރުގައި، މަރު ކޮމިޝަން އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މަރުތައް ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދިނުމަށް ކުރިން ކުރެވިފައި ހުރި މަސައްކަތްތައް އެންމެ ރަނގަޅު ނޫންކަމަށް ފެންނާތީ އެ ކަަންކަން އިތުރަށް ބަލައި ދިރާސާކޮށް އިންސާފު ހޯދައިދިނުން ކަމަށެވެ.

އެ މަގްސަދުގެ ތެރެއިން ރިލްވާނާއި ޔާމީންގެ މައްސަލައިގައި އެ މީހުންގެ އާއިލާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވައިފައިވާ ކަމަށް ބުންޏެވެ. އެގޮތުން ކޮންމެ ވަގުތަކު ވެސް ކޮމިޝަން މެމްބަރުންނާ ބައްދަލުކުރެވޭނެ ގޮތާއި، އެ މައްސަލަތަކުގައި ހޯދުނު ކުރިއެރުންތައް ގަވައިދުން ހިއްސާކުރުން ހިމެނޭކަމަށް ވެސް ބުންޏެވެ.

ރިލްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

https://sun.mv/171706

ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ސިޑި ކައިރީގައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީއެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

comment ކޮމެންޓް