ރިލްވާން ގެއްލުން: މަރު ކޮމިޝަނުގެ ރިޕޯޓް މިއަދު ރައީސަށް އަރުވަނީ

މަރު ކޮމިޝަނުގެ ބައެއް މެންބަރުން: އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިއަދު ރައީސަށް އެރުވުމަށް ވަނީ ނިންމާފައި ----

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަތްޕުޅަށް އަރުވަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް މިއަދު ރައީސް ޞާލިހަށް އެރުވުމަށް ނިންމާފައިވަނީ, ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަތުމުންނެވެ.

ރިލްވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އެއީ ހ. ހިލްޓަން، އަހްމަދު އާލިފް ރައޫފް އާއި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދު އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީނެވެ. އެ މީހުންގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން ޝަރީއަތް ކުރިއަށް ގެންދިޔައީ އާލިފް އާއި ނޫރައްދީނުގެ އެކަންޏެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ދާދިފަހުން ވަނީ ރިލްވާނުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.

އެއީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.

ޔާމީން ރަޝީދު އާއި ރިލްވާން މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ.

އަހަނދުއަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާއެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި މުއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް