ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި މީހަކު ގެއްލި، އެތައް އަހަރެއް ފާއިތުވެގެންދާއިރު ވެސް އޭނާގެ އެއްވެސް ހަބަރެއް ނުލިބިއްޖެ ނަމަ، ޝަރުއީ އަދި ގާނޫނީ ގޮތުން އެ މީހަކާ މެދު އަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟ އާންމު ދިރިއުޅުމުގައި ވެސް މީހަކު ވީނުވީއެއް ނޭނގި ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ، އާއިލާގެ މެންބަރުންނަށާއި ގާތްތިމާގެ މީހުންނަށް ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ވަކި ގޮތެއް ކަނޑައެޅިފައި އޮތުން މުހިންމުވެއެވެ. މީގެ ހަތަރު އަހަރު ކުރިން، އޮކްޓޫބަރު 5، 2022 ގައި މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، އުމުރުން 29 އަހަރުގެ މުހައްމަދު މިންހާޖު މަރުވެފައިވާ ކަމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ފަހުން ކަނޑައަޅައި ހުކުމްކޮށްފައެވެ.
މުހައްމަދު މިންހާޖު މަރުވެފައިވާކަން ޝަރުއީ ގޮތުން ކަނޑައަޅައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ އުހުތު މުޒުނާ މޫސާދީދީއެވެ. މި މައްސަލަ ބެއްލެވުމަށް ފަހު މެޖިސްޓްރޭޓް ރަފީއުއްދީނު އަހްމަދު ކުރެއްވި ހުކުމުގައި، ގެއްލިފައިވާ މީހަކު މަރުވެއްޖެ ކަމަށް ކަނޑައެޅުމަށްޓަކައި ޝަރުއީ އަދި ގާނޫނީ ގޮތުން ރިއާޔަތްކުރެއްވި މުހިންމު ސަބަބުތަކެއް ވަނީ ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވަކި ކަމަކާ ގުޅޭ ގޮތުން އެއްޗެއް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި، ފަނޑިޔާރުން އެ މައްސަލައެއް ނިންމުމުގައި އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ރިއާޔަތްކުރަންޖެހެއެވެ. އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ފިގުހީ ހަމަތަކުގައި ގެއްލޭ މީހުން ނުވަތަ މަފްގޫދުން ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ވިޔަފާރިއަށް ނުވަތަ ތައުލީމު ހޯދުމަށް ދަތުރުކޮށް އުޅެނިކޮށް ހަބަރެއް ނުވެ ގެއްލުން ފަދަ، މަރުވި ކަމަށް ބޮޑަށް ނުބެލެވޭ ހާލަތްތަކެވެ. ދެވަނަ ބަޔަކީ ހަނގުރާމައިގެ މައިދާނުން ނުވަތަ ފެތުނު އުޅަނދަކުން މީހުން ގެއްލުން ފަދަ، މަރުވުން ކަމަށް ބޮޑަށް ބެލެވޭ ނުރައްކާތެރި ހާލަތްތަކެވެ.
ޝަރީއަތުން ފާހަގަކުރި ގޮތުގައި މުހައްމަދު މިންހާޖުގެ މައްސަލަ ފެތެނީ މީގެ ތެރެއިން ދެވަނަ ހާލަތަށެވެ. މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ގެއްލޭ މީހަކާ މެދު އިތުރު ހެއްކެއް ނެތި ހަބަރެއް ނުވެއްޖެ ނަމަ، އިންތިޒާރުކުރަންޖެހޭ އެންމެ ދިގު މުއްދަތަކީ ހިޖުރީ ގޮތުން ހަތަރު އަހަރު ކަމަށް އެ ހުކުމުގައި ވެއެވެ. މުހައްމަދު މިންހާޖު ގެއްލުނުތާ ހިޖުރީ ގޮތުން ހަތަރު އަހަރު (11 ރަބީއުލްއައްވަލް 1448 ނުވަތަ އޯގަސްޓް 23، 2026 އަށް) ވަނީ ފުރިހަމަވެފައެވެ.
މީގެ އިތުރުން، އޮކްޓޫބަރު 5، 2022 ގެ ރޭ ޓްރާންސް ސެކުއާ ލޯންޗު އއ. މާޅޮސް ކައިރިއަށް ބަންޑުންޖަހާލީ ކަނޑުގަދަ ވަގުތެއްގައެވެ. ކަނޑުމެދަށް ލޯންޗު ބަންޑުންޖަހާލި ވަގުތާއި ހާލަތަކީ ތަބީއީ ގޮތުން ބެލިޔަސް މީހެއްގެ ފުރާނަ ސަލާމަތްވުން ނާދިރު، ގަރަގުވެ ހަލާކުވެދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ހާލަތެއްކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާގައި ދެން ލޯންޗުގައި ހުރި އަދި ފަތާފައި ގޮސް އއ. ފެރިދުއަށް އަރައި ސަލާމަތްވި ލޯންޗުގެ ކައްޕި، ޅ. ހިންނަވަރު އަލީ އަހްމަދު ދިން ހެކިބަހަށް ފަނޑިޔާރު ރަފީއުއްދީނު އަހްމަދު ވަނީ ވަރަށް ބޮޑަށް ރިއާޔަތްކުރައްވާފައެވެ. އަލީ އަހްމަދު ބުނި ގޮތުގައި، އެ ދެ މީހުން ލައިފް ޖެކެޓާއި ފެންޑަރު އަޅައިގެން ކަނޑުމަތީގައި 23 ގަޑިއިރަށް ވުރެ ގިނައިރު އެކުގައި ތިބިއިރު، މުހައްމަދު މިންހާޖުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އިންތިހާއަށް ވަރުބަލިވެ، ބަނޑުހައިވެ، އުނދަގޫތަކެއް ވާކަމަށް މިންހާޖު ބުނަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ. އޮކްޓޫބަރު 6، 2022 ގެ ރޭގަނޑު 10:00 އެހައިކަންހާއިރު އަލީ އަހްމަދަށް ހަބަރު ހުސްވެ، އަނެއް ދުވަހުގެ ހެނދުނު ހޭލެވުނުއިރު މިންހާޖާއި އޭނާގެ އަތުގައި އޮތް ފެންޑަރު ވެސް ފެންނާކަށް ނެތް ކަމަށް އަލީ އަހްމަދު ކިޔައިދިނެވެ. އެހެންކަމުން، އޭނާ އެންމެ ފަހުން ފެނުނު ވަގުތު ޖިސްމާނީ ހާލަތު ހުރި ގޮތަކީ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ކުޑަވެ، މަރުވުމުގެ އިހްތިމާލު ބޮޑުކަން ދަލާލަތުކޮށްދޭ ކަމެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ހާދިސާ ހިނގުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއާއި، ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާގެ އިތުރުން ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން 2،000 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. ހަތަރު ދުވަހުގެ މުއްދަތަށް، 96 ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ހިންގި މި ބޮޑު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުން ވެސް މުހައްމަދު މިންހާޖުގެ އެއްވެސް އަސަރެއް ނުވަތަ އޭނާގެ ފެންޑަރު ވެސް ފެނިފައި ނުވާކަން އެމްއެންޑީއެފްގެ ރިޕޯޓުން ސާބިތުވެއެވެ. މި އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި ފަނޑިޔާރު ނިންމެވީ، އޭނާ ސަލާމަތްވެ އެނބުރި އަތުވެދާނެ ކަމަށް ބަލައި ހަތަރު އަހަރު ދުވަސް ވަންދެން އިންތިޒާރުކުރެވިފައި ވީ ނަމަވެސް، އެއްވެސް ހަބަރެއް ލިބިފައި ނުވާތީއާއި ދިރިހުރި ކަމަށް ބެލެވޭނެ އެއްވެސް މާއްދީ ގަރީނާއެއް ނެތުމުން، އޭނާ ދިރިހުރި ކަމަށް ބެލެވޭނެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް މިހާރު ނެތް ކަމަށެވެ.
މިންހާޖް ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން އޮކްޓޫބަރު 15، 2022 ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި، އަލީ މުހައްމަދު ކައިރިން މައުލޫމާތު ސާފުކުރުމަށް ފަހު، މެރިން ޕޮލިހާއި އއ. އަތޮޅުގެ ފުލުހުން ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކެއް ފަށައި، ޚާއްސަ ތަހުގީގު ޓީމެއް އެ އަތޮޅަށް ފޮނުވި ކަމަށެވެ.
ނަމަވެސް ލޯންޗު ބަންޑުންޖަހާލި ހިސާބާއި އޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ، އަލީ މުހައްމަދުގެ ވާހަކަތަކުގައި ޝައްކުތަކެއް އުޅޭ ކަމަށް ބަޝީރު ފާހަގަކުރެއްވިއެވެ.
ގެއްލިފައިވާ މީހެއްގެ މައްޗަށް ގައިބުގައި ކަށުނަމާދު ކުރެވެނީ އެ މީހަކު މަރުވެއްޖެ ކަމަށް ކޯޓަކުން ކަނޑައެޅުމުންނެވެ. އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ހުކުމާ ގުޅިގެން، މިއަދުގެ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި ވަނީ މުހައްމަދު މިންހާޖުގެ މައްޗަށް ގައިބުގައި ކަށުނަމާދު ކޮށްފައެވެ.