ކެންސަރުގެ ފަރުވާ ރާއްޖެއިން ލިބުން ލަސްވުމުން ހަށިގަނޑަށް ކެންސަރު ފެތުރުމާއި، އެ ފަރުވާ ރާއްޖެއިން ހޯދަން ތަހައްމަލް ކުރާ ދަތިތައް ކެންސަރަށް ފަރުވާ ހޯދާ ބަލި މީހެއް މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ.
އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދާ ބަލި މީހަކު ހިއްސާކޮށްފައި ވާގޮތުގައި, އޭނާގެ ހަށިގަނޑަށް ކެންސަރު އިތުރަށް ފެތުރުނީ ރާއްޖޭގެ ހޮސްޕިޓަލްތަކުން ޓެސްޓުތައް ހަދަން ދޮޅު މަހަށް ވުރެ ގިނަ ދުވަސް ނެގުމުންނެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކުން ހަދާ ޓެސްޓުތަކަކީ ބަލި މީހާގެ އަމިއްލަ ޚަރަދުގައި ހަދާ، އަގުބޮޑު ޓެސްޓުތަކެއްކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.
ރާއްޖޭގެ އެއް ހޮސްޕިޓަލެއްގައި ކެންސަރުގެ ފަރުވާ ލިބެން ހުރުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުން ވެސް ކެންސަރަށް ފަރުވާ ހޯދޭ ކަމަށާއި ނަމަވެސް ލިބެނީ މަދު ޚިދުމަތްތަކެއްކަމަށް އޭނާ ލިޔެފައި ވެއެވެ.
އައިޖީއެމްއެޗްގައި އޮންކޮލޮޖީ ޑިޕާޓްމެންޓެއް ހުރެއެވެ. ހުޅުމާލެ ހޮސްޕިޓަލުންވެސް ކީމޯތެރަޕީގެ ޚިދުމަތް ދެއެވެ. މިއީ ކުރިއާ އަޅައިބަލައިރު ވަރަށް ބޮޑު ކުރިއެރުމެއް ނަމަވެސް އަދިވެސް ދަތިތައް ހުރިކަން އޭނާ ފާހަގަކުރިއެވެ.
"މިހާރު ރާއްޖޭގާ ހުރީ ހަމައެކަނި އެންމެ އޮންކޮލިސްޖެސްޓްއެކެވެ. އަދި އެންމެ ސާޖަންއެކެވެ. އެބޭފުޅުން ނެތީވިއްޔާ އެތައް ކެންސަރު ބަލިމީހުން ކިޔޫގައި ތިބެންޖެހެއެވެ،" އޭނާ ލިޔެފައި ވެއެވެ.
އެ މީހާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ، ކެންސަރު ހުރި މިންވަރު ދެނެގަތުމަށް ހަދާ ޕޮސިޓްރޮން އެމިޝަން ޓޮމޮގްރަފީ (ޕެޓް) ސްކޭން މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އޭޑީކޭގައި ފުރަތަމަ ފަހަރަށް ހަދަން ފެށި ކަމަށެވެ. އޭރު އެ ސްކޭންގެ އަގަކީ، 16.016 ރުފިޔާ ކަމަށާއި އެއީ 1038 ޑޮލަރުކަން އޭނާ ފާހަގަކުރިއެވެ.
މިއަހަރު މޭމަހު މެޑިކަލް ރިވިއުއަށް ބެންގެލޫރަށް ބަލިމީހާ ގޮސް، ބެންގަލޫރުގެ ހެޗްސީޖީ ހޮސްޕިޓަލުން ޕެޓްސްކޭން ހައްދަން ދައްކަން ޖެހުނީ 540 ޑޮލަރު ކަމަށް އެ މީހާ ބުންޏެވެ. އޭގެތެރެއިން އާސަންދައިން ކަނޑައިދިނީ 150 ޑޮލަރު ކަމަށާއި ބާކީ، 390 ޑޮލަރު ދައްކަން ޖެހުނީ ބަލި މީހާގެ ޖީބުން ކަމަށް އޭނާ ބުންޏެވެ.
ކެންސަރުބަލި ތަހައްމަލުކުރާ މީހުންނަށް ރާއްޖޭގައި ދެވޭ ސިއްހީ ޚިދުމަތްތައް ފުޅާކުރަންޖެހޭކަން ފާހަގަކޮށް އޭނާ ލިޔެފައި ވަނީ، ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ގޮސް ފަރުވާއަށް ހޭދަވާނީ ކިހާ ފައިސާއެއް ކަމާއި އާސަންދައިން ކަވަރުކޮށްދޭނީ ކިހާ ފައިސާއެއްކަން ނޭނގުމަކީ ކެންސަރުގެ ބަލިމީހާގެ ހާލަތު ބޮޑުވާ ސަބަބެއް ކަމަށެވެ.
"ތިބާގެ ހާލަތުވެސް އެއްވަނަ ދަރަޖައިން ދެވަނައަށް ވެއްޓުނީ ވަގުތުން ފަރުވާނުކުރެވިގެންނެވެ. ފުރަތަމައޮތީ ހަމައެކަނި ރޭޑިއޭޝަންތެރަޕީއިން ފަރުވާކޮށް ނިމޭގޮތަށެވެ. ނަމަވެސް ކެންސަރު ފެތުރި، ފަހުން ޖެހުނީ ކީމީޔޯތެރަޕީގެ ސައިކަލްތައް 12 މަސްވަންދެން ނަގާށެވެ. އަދިވެސް ހަތް ސައިކަލް ކީމޯތެރަޕީނަގަންޖެހެއެވެ،" އޭނާ ލިޔެފައި ވެއެވެ.
އެގޮތުން، ހަތް މަސް ވަންދެން ބެންގުލޫރުގާހުރެފައި ބަލި މީހާ މާލެ އައީ ސާޖަރީއަކާއި ކީމޯތެރަޕީގެ އަށް ސައިކަލްގެ އިތުރުން ރާއްޖެއިން ނުހެދޭ 17 ސައިކަލް ރޭޑީއޭޝަން ތެރަޕީ ނަގައިގެން މިއަހަރު މާޗް 15ގައެވެ.
"އިންޑިޔާގެ ބެންގޫލުރަކީ ދިރިއުޅުން އަގުބޮޑު އަދި އުޅެން އެހާ ފަސޭހަތަނެއް ނޫނެވެ. އަޅުގަނޑަށް ފަރުވާ ލިބެންޏާ ބޭނުމީ ރާއްޖޭގައި ހުރެގެން ބޭސްކުރާށެވެ،" އެ މީހާ ހިއްސާކޮށްފައިވެއެވެ.
އެހެންކަމުން ރާއްޖެއިން ފަރުވާ ހޯދުމަށް މި އަހަރު މާޗް މަހު އައިޖީއެމްއެޗުން އޮންކޮލިޖިސްޓްގެ އެޕޮއިންޓްމެންޓްއަކަށް ބަލިމީހާ އެދުމުން އެ އެޕޮއިންޓްމެންޓް ލިބުނީ މޭމަހު ފުރަތަމަ ހަފުތާގައި ކަމަށް އޭނާ ބުންޏެވެ. ޑޮކްޓަރު ބަލިވެ ނުވަތަ ޗުއްޓީއަށް ގޮސްފި ނަމަ ބަލިމީހުން ޖެހެނީ ކިޔުގައި މަޑުކުރަން ކަން އޭނާ ފާހަގަކުރިއެވެ.
ރާއްޖެއިން ކެންސަރުގެ ބަލިމީހުންގެ ޓެސްޓުތައް ހައްދަން ގިނަ ދުވަހު މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކީ ފުރާނަޔަށް ގެއްލުންވާ ދުވަހެކެވެ. އެހެންނަމަވެސް ދޮޅުމަސް ވެސް ނުވަތަ އެއަށްވުރެ ގިނަދުވަހު މަޑުކުރަން ޖެހިދާނެ ކަމަށް އަންހެން މީހާ ލިޔެފައި ވެއެވެ.
"ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ޚާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަންޖެހެއެވެ. ރާއްޖެއިން މި ޚިދުމަތްތައް ލިބުން މުހިއްމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ކެންސަރުފަރުވާ ހޯދުމަށްވުރެ ހަމަ ގައިމުވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާކުރެވޭނެނަމަ ދައުލަތުގެ ބެޖެޓް ކުޑަވެފައި، ރައްޔިތުންގެ އަތުންދާ ރަދުކުޑަވެފައި، ސަރުކާރުން ރާއްޖޭއިން ބޭރު ހޮސްޕިޓަލްތަކަށްކުރާ ހަރަދު ކުޑަވެ، ކެންސަރު ބަލިމީހުންގެ ހިތްހަމަޖެހުން ބޮޑުވާނެއެވެ،" ލިޔުން ނިންމާލަމުން އޭނާ ލިޔެފައި ވެއެވެ.
ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، ގިނަ ބަޔަކު ކެންސަރުގެ ފަރުވާ ހޯދައެވެ. މިދިޔަ ސަރުކާރުގައި ވަނީ ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއެއް ފަށައިފައެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ އަވަށްޓެރި އިންޑިއާގެ އެހީގައި ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައި ނަމަވެސް ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމައިފައެވެ. އެގޮތުން މި ސަރުކާރުން ނިންމީ އެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި އިމާރާތް ކުރުމަށެވެ.