ކެންސަރު ހޮސްޕިޓަލް އަޅަނީ ދަރުމަވަންތައިގެ ފުރަގަހަށް އޮތް ހުސްބިމުގައި

ދަރުމަވަންތަ ހޮސްޕިޓަލް: ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައި އެ ހޮސްޕިޓަލުގައި ފުރަގަހަށް އޮތް ޕާކިން ޒޯންގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ހެލްތު މިނިސްޓްރީން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

އެ އިއުލާނާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮތް ހުސް ބިމުގައި ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައިވަނީ، ކެންސަރު ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލްކުރަން އެދިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގައެވެ.

ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

އާ ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކޮށް، ގަމުގައި ނަފުސާނީ ސިއްހަތުގެ ހޮސްޕޮޓަލް އަޅަން ނިންމައިފައެވެ.

comment ކޮމެންޓް