އޭއައިއާ ބެހޭ ގޮތުން އެމެރިކާ އާއި ޗައިނާގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް

އެމެރިކާ އާއި ޗައިނާގެ އޮފިޝަލުން ފުރަތަމަ ފަހަރަށް އޭއައިއާ ބެހޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ޖެނީވާގައި ބާއްވައިފިއެވެ.

އެމެރިކާގެ އޮފިޝަލަކު މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި މަޝްވަރާތަކުގެ ސަބަބުން "އޭއައިގެ ޓެކްނިކަލް ނުރައްކާތަކާ މެދު ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު" ލިބޭނެ ކަމަށާއި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީއާ މެދު ދެ ގައުމުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފޯކަސް ކުރަނީ މިތަނުގައި ދެ ފަރާތުން ވެސް ރިސްކް އަދި ސޭފްޓީ މާނަކުރާ ގޮތުގެ މައްޗަށް،" އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެމެރިކާގެ ޓީމުގައި އިސްކޮށް ތިއްބަވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ކްރިޓިކަލް އެންޑް އިމާޖިން ޓެކްނޮލޮޖީގެ ޑެޕިއުޓީ އެންވޯއީ ސެތު ސެންޓަރާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސީނިއާ ޑައިރެކްޓާ ފޯ ޓެކްނޮލޮޖީ އެންޑް ނޭޝަނަލް ސެކިއުރިޓީ ތާރާ ޗަބްރާއެވެ.

ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ އޭއައިއާ ގުޅޭ ގޮތުން އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ މެދު ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވުމަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކަމަކަށް ވާނެ ކަމަށެވެ.

ލިއު ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މަސްއޫލިއްޔަތަކީ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކުމެވެ.

ޗައިނާއިން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ތުހުމަތު ކުރެއެވެ. އެހެންކަމުން ޗައިނާއާއެކު ބާއްވާ މަޝްވަރާތަކުގައި ދެ ގައުމުން އެއްބަސްވާނެ ކަންކަމާ މެދު ގިނަ ބަޔެއްގެ ޝައުގުވަނީ އުފެދިފައެވެ.

"ވަރަށް ސާފުކޮށް ދަންނަވަންޏާ ބެއިޖިންއާ އެކު އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްވަރާތަކަކީ އެއްވެސް ބާވަތެއްގެ ޓެކްނިކަލް ކޯލަބްރޭޝަނެއް ޕްރޮމޯޓް ކުރުމަށް ނުވަތަ އެއްވެސް ކަމެއްގައި ފްރޮންޓިއާ ރިސާޗްގައި އެއްބާރުލުން ދިނުމުގެ ގޮތުން ބާއްވާ މަޝްވަރާތަކެއް ނޫން، އަޅުގަނޑުމެންގެ ޓެކްނޮލޮޖީ ހިމާޔަތްކުރުމުގެ ސިޔާސަތުތަކަކީ މަޝްވަރާތަކަށް އޮތް ސިޔާސަތުތަކެއް ނޫން." އޮފިޝަލަކު ވިދާޅުވިއެވެ.

ޗައިނާއިން އޭއައި ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން މިދިޔަ އޮކްޓޯބަރު މަހު އެމެރިކާއިން ވަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެގޮތުން އޭއައި ޓެކްނޮލޮޖީއަށް ބޭނުންވާ އެޑްވާންސްޑް ޗިޕް ހޯދުމަށް ޗައިނާއަށް ވަނީ ހުރަސް އަޅައިފައެވެ.

comment ކޮމެންޓް