ވީޕީއެންގެ ޑިމާންޑު ބޮޑުވެ ބޮޑެތި ޓެކް ކުންފުނިތަކުގެ އެހީއަށް އެމެރިކާއިން އެދިއްޖެ

ޢާއްމު ގޮތެއްގައި ވީޕީއެން ބޭނުންކުރަނީ ބްލޮކް ކޮށްފައި ހުންނަ ސައިޓްތަކަށް ވަނުމަށް ---

މިނިވަންކޮށް އިންޓަނެޓް ބޭނުންކުރުމަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ވީޕީއެންގެ ބޭނުން ބޮޑުވެފައިވާ ކަމަށް ބުނެ، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އެހީތެރިކަމަށް އެމެރިކާއިން އެދިއްޖެއެވެ.

ރަޝިޔާ، އީރާން، މިޔަންމާ އަދި އެހެނިހެން ބައެއް ގައުމުތަކުން އިންޓަނެޓް ބޮޑަށް ސެންސަރުކުރަމުންދާތީ، ވީޕީއެން ސާވިސްތަކަށް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

ވައިޓް ހައުސްއިން ވަނީ އެމެޒޯން، ގޫގުލް، މައިކްރޯސޮފްޓް އަދި ކްލައުޑްފްލެއާ ފަދަ ބޮޑެތި ކުންފުނިތަކުގެ ބައްދަލުވުމެއް ބާއްވައި، ސަރުކާރުން ފަންޑުކުރާ އިންޓަނެޓް ސެންސަޝިޕް އިވޭޝަން ޓޫލްތަކަށް އިތުރު ޑިޖިޓަލް ބޭންޑްވިތު ދިނުމަށް ގޮވާލާފައެވެ.

އޯޕަން ޓެކްނޮލޮޖީ ފަންޑް (އޯޓީއެފް) އިން ބުނެފައިވާ ގޮތުގައި ވީޕީއެންތަކަށް ބޭނުންވާ މިންވަރު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ރަޝިޔާ އަދި އީރާނުގައި އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. އޯޓީއެފްގެ ރައީސް ލޯރާ ކަނިންގްހަމް ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި ވީޕީއެން ބޭނުންކުރުން މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ރަޝިޔާ އަދި އީރާނުގެ އޮތޯރިޓީތަކުން އެ ގައުމުތަކުގެ އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހަނިކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މިސާލަކަށް، ރަޝިޔާގެ ރުނެޓްގައި ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް (ޓްވިޓާ) ފަދަ ޕްލެޓްފޯމްތަކަށް ވަދެވޭނީ ހަމައެކަނި ވީޕީއެންއެއް ބޭނުންކޮށްގެންނެވެ.

އެކްސެސް ނައުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ވެސް ސަރުކާރުތަކުން ވަނީ މުވާސަލާތީ ވަސީލަތްތަކަށް ހުރަސް އަޅައިފައެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް އެފަދަ ފިޔަވަޅުތައް އިތުރުކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވީޕީއެންއަކީ މިފަދަ ސަރުކާރުތަކުން އަޅާ ހުރަސްތައް ފަހަނައަޅައި ދިއުމަށް އޮތް އެންމެ ރަނގަޅު ޓޫލެވެ. އެއީ ވީޕީއެން ބޭނުންކޮށްގެން ހަގީގީ އައިޕީ އެޑްރެސް ލޮކޭޝަން ފޮރުވުމަށްފަހު، އިންޓަނެޓް ސާވިސް ޕްރޮވައިޑަރަށް އެހެން ގައުމަކުން ބްރައުޒްކުރަނީ ކަމަށް ދައްކުވައިދީ، ބްލޮކްކޮށްފައިވާ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ވަދެވޭތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު