ކުއޯލްކޮމުން އިންޓެލްގެ ޗިޕް ޑިޒައިން ވިޔަފާރީގެ ބައިތަކެއް ގަންނަނީ

ކުއޯލްކޮމަކީ ސްމާޓްފޯނުތަކުގައި ބޭނުންކުރާ ޗިޕްތައް އުފައްދާ ކުންފުންޏެއް --

މޮބައިލް ޗިޕް އުފައްދާ ކުންފުނި ކުއޯލްކޮމުން އިންޓެލްގެ ޗިޕް ޑިޒައިން ވިޔަފާރީގެ ބައިތަކެއް ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް މި މައްސަލައާ ގުޅުންހުރި ދެ މަސްދަރަކުން މަޢުލޫމާތު ދީފިއެވެ.

މިގޮތުން ކުއޯލްކޮމުން ވަނީ އިންޓެލްގެ އެކި ބައިތައް ގަތުމުގެ ފުރުސަތުތައް ބަލަމުން ގެންގޮސްފައެވެ.

އިންޓެލްގެ ކްލައެންޓް ޕީސީ ޑިޒައިން ވިޔަފާރިއަކީ ކުއޯލްކޮމްގެ އެގްޒެކެޓިވުންގެ ޝައުގުވެރިކަން ބޮޑަށް ހުރި ބައެއް ކަމަށް އެއް މަސްދަރަކުން ބުނެފައިވެއެވެ.

ނަމަވެސް އިންޓެލްގެ ސާވާ ސެގްމެންޓް ފަދަ އެހެން ބައިތަކަކީ ކުއޯލްކޮމަށް މާ ބޮޑު މާނައެއް ހުރި އެއްޗެއް ނޫން ކަމަށް އަނެއް މަސްދަރަކުން ފާހަގަކޮށްފައިވެއެވެ.

ކުއޯލްކޮމުން މިހާތަނަށް އިންޓެލްއާ ގުޅިގެން މި މައްސަލައިގައި މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އިންޓެލްގެ ޕީސީ ވިޔަފާރިއަށް އެ ކުންފުނިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށް އިންޓެލްގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

ކުއޯލްކޮމުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދޭން އިންކާރުކޮށްފައިވެއެވެ. 184 ބިލިއަން ޑޮލަރުގެ މާކެޓް ވެލިއު އޮތް ކުއޯލްކޮމަކީ ސްމާޓްފޯނުތަކުގައި ބޭނުންކުރާ ޗިޕްތައް އުފައްދާ ކުންފުންޏެކެވެ. އެޕަލްއަކީ މި ކުންފުނީގެ ކަސްޓަމަރެކެވެ.

ކުއޯލްކޮމުން އިންޓެލްގެ ބައިތަކެއް ގަތުމުގެ މަސައްކަތް ފަށާފައިވާތާ މަސްތަކެއް ވެއްޖެއެވެ. ނަމަވެސް މި ޕްލޭންތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

އަނެއްކޮޅުން އިންޓެލްގެ ދެވަނަ ކުއާޓަރގެ ނަތީޖާތައް އެންމެފަހުން އައިސްފައި ވަނީ ވަރަށް ދެރަކޮށެވެ. މުވައްޒަފުންގެ 15 އިންސައްތަ މަދުކުރުމާއި ޑިވިޑެންޑް ދިނުން ހުއްޓާލުމަށް ނިންމާފައިވެއެވެ. އިންޓެލްގެ ޕީސީ ކްލައެންޓް ވިޔަފާރީގެ އާމްދަނީ ވަނީ ވެސް އަށް އިންސައްތަ ދަށަށް ގޮސް 29.3 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.

ކުއޯލްކޮމުން ފާއިތުވި މާލީ އަހަރު ޖުމްލަ 35.82 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައިވެއެވެ.

އިންޓެލްގެ ބޯޑުން އަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވައި، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު