ކ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ގިނަ އަދެދެއްގެ ދިވެހި ނަރުހުން ހޯދަނީ

ނަރުހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. އަތޮޅުގެ ހޮސްޕިޓަލެއް ހިމެނޭހެން، އެ އަތޮޅުގެ ގިނަ ސިއްހީ މަރުކަޒުތަކަށް 35 ނަރުހުންގެ މަގާމަށް ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.

ކ. ތުލުސްދޫ ސިއްހީ މަރުކަޒުން މިއަދު ހަވީރު ގެޒެޓްކުރި އިއުލާނެއްގައި ވަނީ ރެޖިސްޓާޑް ނަރުހުން، ސީނިއާ ރެޖިސްޓާޑް ނަރުހުން އަދި ކްލިނިކަލް ނަރުހުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 22ގެ މެންދުރު 1:00އަށް ކަމަށެވެ.

މިގޮތުން މި ވަޒީފާތަކަށް ދިވެހިން ހޯދަން އިއުލާންކުރީ:

  • މާފުށީ ހޮސްޕިޓަލަށް ހަ ނަރުހުން
  • ދިއްފުށީ ސިއްހީ މަރުކަޒަށް ދެ ނަރުހުން
  • ގާފަރު ސިއްހީ މަރުކަޒަށް ތިން ނަރުހުން
  • ހިންމަފުށީ ސިއްހީ މަރުކަޒަށް ނުވަ ނަރުހުން
  • ތުލުސްދޫ ސިއްހީ މަރުކަޒަށް ދެ ނަރުހުން
  • ގުޅީ ސިއްހީ މަރުކަޒަށް ދެ ނަރުހުން
  • ގުރައިދޫ ސިއްހީ މަރުކަޒަށް އަށް ނަރުހުން

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ރެޖިސްޓާޑް ނަރުހުން: މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިންގެ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • ސީނިއާ ރެޖިސްޓާޑް ނަރުހުން: މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިންގެ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލްކޮށްފައި ވުން. އަދި، ހަތަރު އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އައިޖީއެމްއެޗްގެ ބައެއް ނަރުހުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

  • ކްލިނިކަލް ނަރުހުން: މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިންގެ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއް ހާސިލުކޮށްފައިވުމާއެކު، ހަތަރު އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މިވަޒީފާތަކަށް އެދި ހުށަހަޅާއިރު، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ކުރިން ވާޒީފާ އަދާކުރި އޮފީހުން ދީފައިވާ ލިޔުން އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ހިމެނެއެވެ.

ގެޒެޓުގައިވާ އިއުލާނުގައިވާ ގޮތުން، މި ވަޒީފާތަކަށް މީހުން ހޮވުމަށް އިންޓަވިއު ބާއްވާނީ މިމަހުގެ 26އާއި 30 އާއި ދެމެދު މާފުށީ ހޮސްޕިޓަލުގައާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައިއެވެ.

comment ކޮމެންޓް