ސިކުންތުކޮޅެއް ތެރޭ ކެންސަރު ދެނެގަންނަ ޓެސްޓެއް އުފައްދައިފި

އޮސްޓްރޭލިއާގެ ސައިންސްވެރިއަކު ކެންސަރު ދެނެގަންނަން އާ ޓެސްޓެއް އުފައްދައިފިއެވެ.

އޮސްޓްރޭލިއާގެ ޖީނޯމިކްސް ދިރާސާވެރިއެއް ކަމަށްވާ ސްޓެފަން މޭޒީއާއި އޭނާގެ ޓީމުން ކެންސަރު ދެނެގަންނަން އާ ޓެސްޓެއް ތަޢާރަފުކޮށްފައިވާއިރު، މި ޓެސްޓަކީ ސިކުންތުކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކައިދޭ، އަދި އެތައް ހާސް މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ ޓެސްޓެއް ކަމަށް 'އެސްބީއެސް ނިއުސް'އިން ރިޕޯޓުކޮށްފައިވެއެވެ.

"ޑަރްމްއާރް ޕެޗް"ގެ ނަމުގައި ތައައްޔާރުކޮށްފައިވާ މި ޓެސްޓަކީ ކުރިމަގުގައި ބައޮޕްސީގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ވެސް މޭޒީ ވިދާޅުވިއެވެ. ބައޮޕްސީއަކީ މިހާރު ހަމުގެ ކެންސަރު ދެނެގަތުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ގޮތެވެ.

މި އާ ޓެކްނޮލޮޖީގައި ބޭނުންކުރަނީ މައިކްރޯނީޑަލްތަކެކެވެ. މި ނީޑަލްތަކަކީ އެއް މިލިމީޓަރަށްވުރެ ކުދި، ހަމުގެ އެތެރެއަށް އެއް މިލިމީޓަރުގެ ފުންމިނަށް ވަދެ، ކުޑަކުޑަ މިންވަރެއްގެ ޓިޝޫ ނަގާ ނީޑަލްތަކެކެވެ. މި ޕެޗް ބޭނުންކުރާއިރު 15 ސިކުންތު ވަންދެން ހަމުގައި ބާއްވައި، ކުޑަކޮށް ބާރުކޮށްލުމަށް ފަހު، އަނބުރާލައިގެން ޓިޝޫ ނަގައެވެ. މުޅި މި ޕްރޮސެސް ނިމެނީ އެއް މިނެޓަށްވުރެ ކުރު ވަގުތެއްގެ ތެރޭގައެވެ.

މި އާ ޓެސްޓުގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލް ބޭއްވީ މިދިޔަ މޭ މަހު އޮސްޓްރޭލިއާގެ ހުޅަނގު ސަރަޙައްދުގައިވާ ޕިލްބަރާ ސަރަޙައްދުގައެވެ. ފައިނަލް ނަތީޖާ އަދި ލިބިފައިނުވި ނަމަވެސް، ފުރަތަމަ ލިބުނު ނަތީޖާތައް ވަރަށް އުންމީދީ ކަމަށް މޭޒީ ވިދާޅުވިއެވެ.

ދެވަނަ އަދި އެއަށްވުރެ ބޮޑު ކްލިނިކަލް ޓްރަޔަލެއް ކުރިއަށް އޮތް ހައެއް ނުވަތަ 12 މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި އާ ޓެސްޓަކީ ކެންސަރު ދެނެގަތުމަށް ފަސޭހަ އަދި އަވަސް ގޮތެއް ކަމަށްވާތީ، ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.

comment ކޮމެންޓް