މިދިޔަ މަހު ޑެންގޫ މަދު؛ ނަމަވެސް ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރު

އައިޖީއެމްއެޗް ހޮސްޕިޓަލް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި މިދިޔަ މަހު ޑެންގޫ މަދުވެ ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވެއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު ދަށްވެފައިވީ ނަމަވެސް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް ރިޕޯޓުކުރި އަދަދު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓު މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ވަނީ އޭގެ ކުރިން ޖުލައި މަހު ރިޕޯޓުކުރި ވަރާ އަޅާ ބަލާއިރު އިތުރުވެފައެވެ.

އެގޮތުން, ޖުލައި މަހު އަރިދަފުސް ރޯގާގެ 30،486 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު 32،258 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން:

  • އޮގަސްޓު މަހު ޓެސްޓުކުރި އަދަދު: 89 މީހުން
  • އޮގަސްޓު މަހު ޕޮސިޓިވްވި އަދަދު: 15 މީހުން
  • ޖުލައި މަހު ޓެސްޓުކުރި އަދަދު: 439 މީހުން
  • ޖުލައި މަހު ޕޮސިޓިވްވި އަދަދު: 100 މީހުން

އެޗްޕީއޭއިން ބުނި ގޮތުގައި ޖުލައި މަހާ އަޅާބަލާއިރު އަލާމާތްތައް ފެނިގެން ޓެސްޓުކުރި މީހުންގެ މިދިޔަ މަހު ދަށެވެ. އެގޮތުން, އަހަރުގެ މިހާތަނަށް 2،023 މީހުން ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ޕޮސިޓިވްވީ 409 މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބޭރަށް ހިންގުމުގެ 5،105 ކޭސް ޖުލައި މަހު ރިޕޯޓުކުރިއިރު މިދިޔަ މަހު 5،460 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ޖުލައި މަހު ޑެންގޫ ހުން ޖެހިގެން 577 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް, އެ އަދަދު ދަށްވެ، މިދިޔަ އޮގަސްޓު މަހު ރިޕޯޓުކޮށްފައިވަނީ 393 ކޭހެވެ.

ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު ދަށްވެފައިވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތައް ފެނިފައިވަނީ، ފ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައެވެ. ބޭރަށް ހިންގުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅާއި، ފ. އަތޮޅުގެ އިތުުރުން މާލެ ސިޓީންނެވެ.

ޑެންގޫ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އއ. އަތޮޅުންނާއި، ދ. އަތޮޅުގެ އިތުރުން ބ. އަތޮޅުންނެވެ.

comment ކޮމެންޓް