މިހާރު އެމްޕޮކްސްއަށް ޓެސްޓްކޮށް، ފަރުވާ ވެސް ދެވޭނެ: މިނިސްޓަރު

ހެލްތް މިނިސްޓަރު ޑރ. ޚަލީލް: މަންކީ ޕޮކްސްއަށް ޓެސްޓްކޮށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ދިވެހިރާއްޖޭގައި މިހާރު މަކުނުވިދުރި ނުވަތަ އެމްޕޮކްސްއަށް ޓެސްޓްކޮށް، އެ ބައްޔަށް ފަރުވާ ވެސް ދެވޭނެ ކަމަށް ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އެމްޕޮކްސްގެ ކޭހެއް ފެނިފައިވާ ކަމަށާއި ސަރުކާރުން އެކަން ސިއްރުކުރަނީ ކަމަށް ބައެއް ރަޖިސްޓްރީނުކުރާ ވެބްސައިޓުތަކުގައި ލިޔެފައިވެއެވެ. އެކަން ދޮގުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން އެމްޕޮކްސްގެ ކޭހެއް ނުފެންނަކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެމްޕޮކްސްއަށް ޓެސްޓްކުރެވޭނެ އިންތިޒާމުތައް ވެސް މިހާރު ރާއްޖޭގައި ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ބައްޔަށް ފަރުވާ ކުރުމުގެ އިންތިޒާމު ވެސް މިހާރު ރާއްޖޭގައި ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވެސް އިއްޔެ ވަނީ އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެފްރިކާ ސަރަހައްދުން އެމްޕޮކްސްގެ އާ ވޭރިއަންޓެއް ފެނުމާއެކު ޑަބްލިއުއެޗްއޯއިން ވަނީ އެ ބައްޔަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައިފައެވެ.

އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމްލަ 13 ގައުމަކުން އެމްޕޮކްސްގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބަލީގެ ނުރައްކާ އޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ދެވަނަ ފަހަރެވެ.

މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑެވެ. އެ ފަހަރު އެއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅިއެވެ.

އޭގެ ފަހުން 2023 ވަނަ އަހަރާ ހަމައަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި 445 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.

އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް