ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ވަޑައިގަތުން: ރައީސް ހުޅުދޫމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ ދިރާސީ އާ އަހަރާއެކު ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މި ފެށޭ ދިރާސީ އަހަރާއެކު ތައުލީމީ ދާއިރާގައި ހިންގާނެ ބައެއް މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ.

މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށާއި އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

ހަމައެއާއެކު ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށްވާ، ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ސްކޫލުގައި މާ ގިނަ ވަގުތު ހޭދަކުރަންޖެހުން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކްލާސްރޫމުތައް ހޫނު ގަދަވުމުގެ ސަބަބުން ކިޔަވާ ކުދިންނަށް ދަތިވުމުގެ ކަންބޮޑުވުންތައް މި ފަހުންވަނީ ވަަރަށް ބޮޑަށް ފެންމަތިވެފައެވެ. ކްލާސްރޫމުތައް ހޫނުގަދަ ވުމުގެ ޝަކުވާ ދަރިވަރުން ވެސް ކުރެއެވެ. ނަމަވެސް އޭސީ ކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމުން މިހާތަނަށް ވެސް އެ ކަން ނުކޮށް އޮތީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް