ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، 4.27 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ހަތަރު ޓީބިލެއް ވިއްކުމަށެވެ. އެއީ އެއް މަހާއި، ތިން މަހާއި، ހަ މަހާއި، އެއް އަހަރުތެރޭ އަނބުރާ ދައްކަން ޖެހޭ ހަތަރު ބިލެކެވެ.
އެ ބިލްތައް ވިއްކަނީ:
- އެއް މަސް، 1.97 ބިލިއަން ރުފިޔާ %3.50 އިންޓަރެސްޓުގައި
- ތިން މަސް، 172 މިލިއަން ރުފިޔާ %3.87 އިންޓަރެސްޓުގައި
- ހަ މަސް، 830 މިލިއަން ރުފިޔާ %4.23 އިންޓަރެސްޓުގައި
- އެއް އަހަރު، 1.29 ބިލިއަން ރުފިޔާ %4.60 އިންޓަރެސްޓުގައި
ބިލް ގަންނަ ފަރާތްތަކުން ބިލަށްވާ ފައިސާ އަންނަ ހޯމަ ދުވަހު ދައްކައި ހަލާސްކުރަން ޖެހެއެވެ.
މިއަހަރުތެރޭ މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކަން އިއުލާންކޮށްފައިވެއެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފައިވެއެވެ.
ސަރުކާރުން ވިއްކާ ޓީބިލް އާއްމުގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުންނެވެ. ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ.
ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓުވެސް އިތުރުވާނެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރުން ޓީބިލު ވިއްކުމަށްފަހު ނުދައްކާ 85.3 ބިލިއަން ރުފިޔާ އެބައޮތެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ރިޒާވް ވެސް ދަށްވެފައިވާއިރު ސަރުކާރުން އަންނަނީ އާމްދަނީ އިތުރު ކުރުމަށާއިި ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
މި ސަރުކާރުން ވަނީ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެކަމަށް އިސްކަންދީގެން ދައްކަމުންދާނެ ކަމަށާއި އެއާއެކު ކްރެޑިޓަރުންނާއި އިންވެސްޓަރުންނަށް ސަރުކާރުން ދަރަނި އަދާކުރާނެކަމުގެ ޔަގީންކަން ވެސް ލިބޭނެ ކަމަށް ބުނެފައެވެ.
މޫޑީސްއާއި ފިޗުން ވެސް މި އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް ވަނީ މީގެ ކުރިން ދީފައެވެ.
ސަރުކާރުން އަޅާ އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މުވައްޒަފުން މަދުކޮށް، ބައެއް ޓެކްސްތައް ބޮޑުކުރަން ވެސް ނިންމައިފައިވެއެވެ.