ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުމަށް އަމަލުކުރަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން މިއަދު ގޮވާލައިފިއެވެ.
މި ދުވަސްވަރު ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ، ބިންހިއްކުމާއި ފަޅު ކޮނުން ފަދަ މަސައްކަތްތައް އަންނަ މަހު 10ގެ ނިޔަލަށް ހުއްޓާލުމަށް އީޕީއޭއިން އެންގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ކަމަށް ތާއީދުކޮށް މިއަދު ނެރުނު ބަޔާނެއްގައި މަޓީން ވަނީ އެ އެސޯސިއޭޝަންގެ ހުރިހާ މެންބަރުންނަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ ކިބައިން އެ ކަމަށް އެއްބާރުލުން ދޭން އެދިފައެވެ.
"މި ކަންކަން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް. މި ފިޔަވަޅުތަކުގެ ސަބަބުން ޝައްކެއް ވެސް ނެތް ގޮތުގައި، މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިންގެ އަސަރު ކުޑަކުރުމަށް މަގުފަހިވެގެންދާނެ،" މަޓީން ބުންޏެވެ.
އީޕީއޭއިން ބުނީ، ރާއްޖޭގެ ސަރަހައްދު އޮތީ "އެލާޓް ލެވަލް 1" ގައި ކަމުގައިވެފައި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހު 10ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.
ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މި ނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތްކުރުން، އެ އިއުލާނުގެ ދަށުން އީޕީއޭއިން ވަނީ މަނާކޮށްފައެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.
މިކަމާ ގުޅިގެން ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވީ، ބިންހިއްކުމުގެ މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލުމަކީ، އިގުތިސާދަށް ރަނގަޅުކަމެއް ކަމަށެވެ. ރާއްޖޭގެ އިގުތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަން، މޫދާއި ގޮނޑުދޮށްތަކުގެ ރީތިކަމާ ގުޅިފައިވާ ކަމަށާއި ތިމާވެއްޓަށް ގެއްލުން ވެއްޖެ ނަމަ، ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލިދާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.
ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓުޓުން ވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.