ރަށްރަށުގައި ސޯލާ ޕެނަލް ހަރުކުރަން އޮންނަ ޕަސެންޓޭޖުގެ ތެރެއިން ޑޮމެސްޓިކް ޕަސެންޓޭޖުގެ ގޮތުގައި ކަނޑައަޅައިފައިވާ މިންވަރުން ކޮންމެ ގޭބީސީއަކަށް ޖެހޭ މިންވަރު ބަލައި، ހަމަހަމަކަމާއެކު ސޯލާ ހަރުކުރުމުގެ ފުރުސަތު ދިނުމާމެދު މަޝްވަރާކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ނެޓް މީޓަރިންގެ އުސޫލުން ފެނަކައިގެ ކަރަންޓު ވިއުގައާ ގުޅައިލުމަށް އަމަލުކުރާ ގަވައިދެއް އޮވެއެވެ. އެ ގަވައިދުގައިވާ ގޮތުން ކެޕޭސިޓީ ބަހައިލެވިފައިވާ ޓެރިފް އޮނިގަނޑުން ޑޮމެސްޓިކް ކެޓެގަރީއަށް ލިބެނީ 60 ޕަސެންޓެވެ.
އެ އަދަދަށް ސޯލާ ޕެނަލް ހަރުކުރުމުން ދެން އެހެން ގޭބީސީތަކަށް ސޯލާ ޕެނަލް ހަރުކުރުމުގެ ހުއްދަ ނުދޭނެއެވެ.
ފެނަކައިން ސޯލާ ގުޅޭނެ އެންމެ މަތީ އަދަދަކީ 40 ޕަސެންޓެވެ. ނަމަވެސް ކަނޑިތީމުގައި މިހާރު ރަށަށް ހަކަތަ ބޭނުންވާ މިންވަރުގެ ޕީކް ލޯޑުގެ 43 ޕަސެންޓާ ހަމައަށް ހުރީ ސޯލާ ހަރުކޮށްފައެވެ. އެހެންވެ އެ ރަށުގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވެފައި ތިބި ގޭބީސީތަކަށް އެ ފުރުސަތު މިހާރު ނުދެއެވެ.
އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު އަމީން ފައިސަލް ވަނީ ޑޮމެސްޓިކް ކެޓެގަރީއަށް އޮންނަ 60 ޕަސެންޓުން، ރަށެއްގެ ކޮންމެ ގޭބީސީއަކަށް ޖެހޭ މިންވަރު ބަހައި، އެ އަދަަދަށް ސޯލާ ހަރުކުރަން ހުއްދަ ދޭން ވިސްނަވާތޯ ސުވާލުކުރައްވައިފައެވެ.
"...އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ކެޕޭސިޓީ ކޮންމެ ގޭބީސީއަކަށް ވެސް އެ އިންނަ އަދަދަކަށް ބޭނުންކުރެވޭނެ އުސޫލެއް އޮންނަން ޖެހޭނެ. އެހެންނޫނީ މި ވާ ގޮތަކީ ފުރަތަމަ ތަނަވަސް މީހާ ސޯލާ ޕެނަލް ހަރުކުރީމާ ދެން ތަންކޮޅެއް މެދު ފަންތީގެ މީހާއަށް ސޯލާ ހަރުކުރުމުގެ އެއްވެސް ކަހަލަ ފުރުސަތެއް ނުލިބި މިދަނީ،" އަމީން ފައިސަލް ވިދާޅުވިއެވެ.
އެއާއެކު މިނިސްޓަރު ވިދާޅުވީ ހަމަހަމަ ގޮތެއްގައި ޕަސެންޓޭޖު ބެހޭނެ ގޮތް ހެދުމާމެދު މަޝްވަރާކޮށް، މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
"އެ ކަންތައް ވެސް މިހާރު މި ދަނީ ބަލަމުން. ކޮންމެ ގެއަކަށް ރަށެއްގެ އިންނަ ޕަސެންޓޭޖުން ކިހާ ވަރެއްތޯ ބަހައިލެވެނީ. އެ ގޮތަށް އަޅުގަނޑުމެން އެބަ މަސައްކަތްކުރަމުން ދަން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ކަމަށް ވެސް ހައްލު އޮންނާނީ އިތުރަށް ކެޕޭސިޓީ ވަރުގަދަކޮށް، ބެޓެރީ ސިސްޓަމް ގާއިމްކޮށްގެންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަކި އަދަދަކަށް ސޯލާ ޕެނަލް ހަރުކުރަން ކަނޑައަޅައިފައި އޮންނަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުއްލިއަކަށް ސޯލާއިން ކަރަންޓު އުފެއްދުން ދަށްވެދާނެތީ ކަމަށެވެ.
އަދި އޭގެ ސަބަބުން ކަރަންޓުގެ ގްރިޑް ސްޓެބިލިޓީ ގެއްލި މުޅ ި ރަށުން ކަރަންޓު ކެނޑި ޖެނެރޭޓަރު ސެޓުތަކަށް ގެއްލުން ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ހަމައެއާއެކު އާންމުން ގެންގުޅޭ ކަރަންޓު އާލާތްތަކަށް ގެއްލުން ވުމުގެ ފުރުސަތު ވެސް އޮތުމުން ކަމަށެވެ.
އެހެންކަމުން އިތުރަށް ސޯލާ ޕެނަލް ހަރުކުރާނަމަ، ރަށުގެ ހަކަތައިގެ ވިއުގަ އިތުރަށް ތަރައްގީކޮށް ބެޓަރީ ސްޓޯރޭޖް ސިސްޓަމް ކެޕޭސިޓީ ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.