މި ދުވަސްވަރު ބިން ހިއްކުން ހުއްޓާލުމަކީ އިގުތިސާދަށް ރަނގަޅު ކަމެއް، ނަތީޖާ ފެންނާނެ: ވަޒީރު

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިންހިއްކުމުގެ މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލުމަކީ، އިގުތިސާދަށް ރަނގަޅުކަމެއް ކަމަށާއި މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރުގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ، ބިންހިއްކުމާއި ފަޅު ކޮނުން ފަދަ މަސައްކަތްތައް އަންނަ މަހު 10ގެ ނިޔަލަށް ހުއްޓާލުމަށް އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ރޭ ވަނީ އަންގައިފައެވެ.

https://sun.mv/191772

ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ޕްރޮގްރާމެއްގައި ތޯރިގު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަން މޫދާއި ގޮނޑުދޮށްތަކުގެ ރީތިކަމާ ގުޅިފައިވާ ކަމަށާއި ތިމާވެއްޓަށް ގެއްލުން ވެއްޖެ ނަމަ، ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލިދާނެ ކަމަށެވެ.

ނަމަވެސް, ބިން ހިއްކުން ހުއްޓާލަން އެންގުމުން ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން އަމަލުކުރާނެ ގޮތާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ތޯރިގު ވިދާޅުވީ، ބިން ހިއްކަން ކުންފުނިތަކަށް ހުއްދަ ދިންއިރު މިފަދަ ހާލަތެއް އައިސްގެން މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލަންޖެހިދާނެ ކަމަށް އަންގާފައިވާކަމަށެވެ.

"މިއީ ކުއްލިއަކަށް ނޭނގި ވީކަމެއް ނޫން. އަޅުގަނޑުމެން އެ ކަންތައް ކުރަން ޖެހިދާނެ ކަމަށް އަންގާފައި، ކުރަން ޖެހިއްޖެއްޔާ އެ ރިޝެޑިއުލް ކުރައްވާނެ ކަމަށް އެއްބަސްވެވިފައި އޮންނާނީ،" އޭނާ ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އެ ފިޔަވަޅު އެޅުމުން ކުންފުނިތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އީޕީއޭގެ އިއުލާނުގައި ވަނީ، ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މި ނޫން ވެސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ހުއްޓުވާފައެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

https://sun.mv/191772

ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓުޓުން ވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް