ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަދީނާއަށް ވަޑައިގެންފިއެވެ.
އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާ ސަރަޙައްދުގެ ގަވަރުނަރު، ޞާޙިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދު ކަމަށެވެ.
މަދީނާއަށް ވަޑައިގެން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މިސްކިތަށް ޒިޔާރަތްކުރައްވައި އެ މިސްކިތުގައި ނަމާދުކުރެއްވި ކަމަށް މަދީނާގެ ނޫސްތަކުން ރިޕޯޓްކޮފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިއަދު ހެނދުނެވެ. އަދި، މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އެގޮތުން، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟާއި، ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޢާރިފާއި، އެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ދެކަނބަލުންގެ އަރިހުގައި އެ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާ ބޯޓެއްގައެވެ.